އީލޮން މަސްކްކުގެ އެކްސްގައި ހިމެނޭ އޭއައި ޗެޓްބޮޓް އެކްސްއޭއައި ބޭނުންކޮށްގެން މީހުންގެ ފޮޓޯ ބަރަހަނާކުރުމުގެ މައްސަލަ ބޮޑުވެ އެކި ގައުމުތަކުން ފިޔަވަޅު އަޅަން ފެށުމުން އެންމެ ފަހުން ގްރޮކްގެ އެ ފީޗާ ކޮންޓްރޯލްކޮށްފި އެވެ. 

އެކްސް އިން މިކަން އިއުލާނުކުރީ އެކްސްއޭއައި އިން ބޭއަދަބީ މަންޒަރުތައް އުފެއްދުމުގެ މައްސަލަ ބޮޑުވެ އެކަން ތަހުގީގުކުރަން ފަށައިފި ކަމަށް ކެލިފޯނިއާގެ އެޓާނީ ޖެނެރަލް ވިދާޅުވެފައި ވަނިކޮށެވެ. އަދި ބައެއް ގައުމުތަކުގައި ގްރޮކް ބްލޮކްކޮށްފައި ވާއިރު ތަހުގީގުތައް ވެސް އަންނަނީ ކުރަމުންނެވެ. 

އެކްސް އިން ބުނީ ބަރަހަނާ މަންޒަރު ކަމަށް ބެލެވޭ ގޮތަށް އަސްލު މީހުންގެ ފޮޓޯ ބަދަލުކުރެވޭ ގޮތަށް ދީފައިވާ ފީޗާ، އެފަދަ މަންޒަރުތައް މަނާ ގައުމުތަކަށް ނުލިބޭ ގޮތަށް "ޖިއޯބްލޮކް" ކުރާނެ ކަމަށެވެ. 

"ބިކިނީ ފަދަ އަންނައުނުގައި، އަސްލު މީހުންގެ ފޮޓޯތައް ގްރޮކުން އެޑިޓް ނުކުރެވޭ ގޮތަށް ޓެކްނޮލޮޖީގެ ގޮތުން އަޅުގަނޑުމެން ވަނީ ފިޔަވަޅުތަކެއް އަޅާފައި،" އެކްސްގެ ސޭފްޓީ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"ފައިސާ ދައްކާ ކަސްޓަމަރުން ވެސް ހިމެނޭ ގޮތަށް އެންމެންނަށް ވާނީ މިގޮތަށް ހަދާފައި."

ރައްކާތެރިކަމުގެ އިތުރު ފީޗާއެއްގެ ގޮތުން މިހާރު ވަނީ އިމޭޖް އުފެއްދުމާއި އެޑިޓްކުރުން، އެކްސްގެ ސަބްސްކްރައިބަރުންނަށް އެކަނި ދޭން ފަށައިފަ އެވެ. 

އީޔޫގެ ޑިޖިޓަލް ވޮޗްޑޯގްގެ ގޮތުގައި ހަރަކާތްތެރިވާ ޔޫރަޕިއަން ކޮމިޝަނުން މީގެ ކުރިން ވަނީ އަންހެނުންނާއި ކުޑަކުދިންގެ ބޭއަދަބީ ފޮޓޯ އުފެއްދުން މަނާކުރުމަށް އެކްސް އިން އަޅާ އިތުރު ފިޔަވަޅުތައް ބަލައި ދިރާސާކުރާނެ ކަމަށް ވެސް ބުނެފަ އެވެ. 

ގްރޮކް އިން އެއްވެސް ހިފެހެއްޓުމެއް ނެތި ފޮޓޯތައް ހަދަމުންދާ މައްސަލައިގައި އެތައް ގައުމަކުން ފިޔަވަޅު އަޅަމުން ދާއިރު މި ޓޫލް އެންމެ ފުރަތަމަމަނާކުރިދެ ގައުމަކީ މެލޭޝިއާ އާއި އިންޑޮނީޝިއާ އެވެ.