އަލްބަސޭތޭ (ޖެނުއަރީ 15) - ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގެ ގަދަ 16 ގައި ރެއާލް މެޑްރިޑް، ދެވަނަ ޑިވިޝަންގެ އަލްބަސޭތޭ ބަލޮމްޕިއޭ އަތުން 3-2 އިން ބަލިވެ، މުބާރާތުން ކަޓައިފި އެވެ.

އަލްބަސޭތޭ ވަނީ 42 ވަނަ މިނިޓުގައި ހަވީ ވިލާގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ނަމަވެސް މި ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ރެއާލަށް ނަތީޖާ އެއްވަރު ކޮށްދިނީ ފްރެންކޯ މަސްޓަންޓޫނޯ އެވެ.

އަލްބަސޭގެ ފަހު ލަނޑުތައް ޖެހީ ޖަފްޓޭ ބެންޓަންކޯ އެވެ. މެޗުގެ 83 ވަނަ މިނިޓުގައި އެ ޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައި ވަނިކޮށް ރެއާލުން ދެވަނަ ފަހަރަށް އެއްވަރު ކޮށްފައި ވަނީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގަ އެވެ. މި ގޯލު ޖަހައިދިނީ ގޮންޒާލޯ ގާސިއާ އެވެ.

ނަމަވެސް އޭގެ ތިން މިނިޓު ފަހުން ބެންޓަންކޯ ވަނީ އަލްބަސޭތޭ މެޗުން މޮޅު ކޮށްދީފަ އެވެ.

މިއީ ރެއާލް މެޑްރިޑްގެ އާ ކޯޗު، ކުރީގެ ލިވަޕޫލާއި ރެއާލް މެޑްރިޑް އަދި ސްޕެއިންގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ފުލްބެކް އަލްވާރޯ އާބެލޯއާ ކޯޗުކަމުގައި ރެއާލްގެ ފުރަތަމަ މެޗެވެ. އެ ކްލަބްގެ ބީ ޓީމުގެ ކޯޗު އާބެލޯއާ އޭޭ ޓީމަށް ޕްރޮމޯޓް ކުރީ އެންމެ ފަހުން އޮތް ސްޕެނިޝް ސުޕަ ކަޕް ފައިނަލްގައި ވާދަވެރި ބާސެލޯނާ އަތުން ބަލިވުމުން ކޯޗު ޒަބީ އޮލޮންސޯ މަގާމުން ވަލިކޮށްފަ އެވެ.

އާބެލޯއާ ވަނީ ކިލިއަން އެމްބާޕޭ އާއި ރޮޑްރިގޯ އަދި ތިބައު ކޯޓުއާގެ އިތުރުން ޖޫޑް ބެލިންގްހަމް ވެސް މެޗުގެ ސްކޮޑުގައި ނުހިމަނައި އަރާމުކުރަން ވަގުތު ދީފަ އެވެ. އޭގެ ބަދަލަށް ވަނީ އެކަޑަމީގެ ދެ ކުޅުންތެރިއަކަށް ފުރުސަތު ދީފަ އެވެ.

މި ކުޅުންތެރިން ނެތަސް ރެއާލުން ނެރުނީ ވަރުގަދަ 11 އެކެވެ. ވިނީޝިއަސް ޖޫނިއާ އާއި ފެޑެރިކޯ ވަލްވާޑޭ އަދި އާޑާ ގޫލާގެ އިތުރުން ޑީން ހިޔޫސެން ފަދަ ކުޅުންތެރިން ވަނީ ރެއާލަށް ސްޓާޓް ކޮށްފަ އެވެ.

އާބެލޯއާ ބުނީ މެޗުން ނަތީޖާ ނުނެރެވުމުން އޭގެ ހުރިހާ ޒިންމާއެއް ނަގާނީ އޭނާ ކަމަށެވެ.

"މެޗުގެ ނަތީޖާއާ ގުޅިގެން އެއްވެސް ކަމެއްގެ ޒިންމާ ނަގަން ޖެހޭ ފަރާތެއް ވާނަމަ އެއީ އަހަރެން. ލައިނަޕަށް ގެނައި ބަދަލުތަކާ ކުޅުވި ގޮތާ ގެނައި ބަދަލުތަކަށް ވެސް ޒިންމާވާނީ އަހަރެން،" މެޗަށް ފަހު އާބެލޯއާ ބުންޏެވެ.

".. މި ބައްޔަކީ އަހަންނަށް ހެދުނު ގޯސްތަކަކުން ކުރިމަތިވި ބައްޔެއް. ކުޅުންތެރިންގެ މައްސަލައަކުންނެއް ނޫން."

އޭނާ ބުނީ ބަލިވުމަކީ ކާމިޔާބާ ހަމައަށް ދާން އޮތް މަގު ކަމަށާއި ބަލި ވުމަކީ އޭނާއަށް ވެސް ކަންކަން ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.

ރެއާލަށް ދެން އޮތީ ހޮނިހިރު ދުވަހު ލީގުގައި ލެވަންޓޭއާ ދެކޮޅަށް ކުޅޭ މެޗެވެ.