ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އެހެން މީހެއްގެ އެހީއަކާ ނުލައި ވޯޓުލާ ނަމަ، ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ އަންނަ އޭޕްރީލް މަހުގެ 4 ގައި ބާއްވާ އިންތިހާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ބޭނުން ނަމަ، އެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެކަމަށް ރަޖިސްޓްރީވުމަށް ހުޅުވާލާ ކަމަށެވެ.  

އީސީން ބުނީ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ މީހުން މިއަދުން ފެށިގެން އަންނަ މަހުގެ 23 ވާ ހޯމަ ދުވަހުގެ ނިޔަލަށް 1414 އަށް ގުޅައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

އެ ނަމްބަރުގެ ހިދުމަތް ލިބޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަސް ފިޔަވައި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި ހިދުމަތް ލިބޭނީ މެންދުރުފަހު 3:00 އިން ރޭގަނޑު 8:00 އަށް ކަމަށް އީސީން ބުންޏެވެ.

ކައުންސިލު އިންތިހާބުގައި  ވޯޓު ދިނުމުގެ ހައްގު 294,937 މީހަކަށް ލިބިގެންވެ އެވެ. އެ ލިސްޓާ ގުޅިގެން ޝަކުވާއެއް އޮތް ނަމަ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އީސީގެ ޕޯޓަލް،  (my.elections.gov.mv)  މެދުވެރިކޮށް ހުށަހެޅޭނެ އެވެ.