"ތަގްސް އޮފް ހިންދުސްތާން" ގައި ސާރާ ބައިވެރިކުރަން އާމިރު ބޭނުން
"ތަގްސް އޮފް ހިންދުސްތާން" ގައި ސާރާ ބައިވެރިކުރަން އާމިރު ބޭނުން

އާމިރު ޚާނަކީ ފިލްމު އިންޑަސްޓްރީގައި ހުރި، ބަރާބަރަށް ހުރިހާ ކަމެއް ހުންނަން ބޭނުންވާ ހަމައެކަނި މީހާ ކަމަށް ވެދާނެ އެވެ. ކޮންމެ ފިލްމަކަށް ވެސް ވަރަށް ދުރާލާ އޭނާ ތައްޔާރުވެ އެވެ. މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ އަމީތާބު ބައްޗަންއާ އެކު ކުޅުމަށް ހަމަޖެހިފައިވާ "ތަގްސް އޮފް ހިންދުސްތާން" ފެށުމަށެވެ.

ޔާޝް ރާޖް ކުޑައިގެ ދަށުން އުފައްދާ މި ފިލްމުގެ ބަތަލާއަކު އަދިވެސް ވަނީ ހަމަނުޖެހި އެވެ. މިހާރު އިންޑިއާގެ ނޫސްތަކުން ބުނަނީ އެ ފިލްމުގެ ބަތަލާއަކަށް ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އަލީ ޚާން ހަމަޖައްސަން އާމިރު ބޭނުންވެ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު އަދިތުޔާ ޗޯޕްރާ އެންމެ ކުރިން ބޭނުންވީ އެ ފިލްމު ވާނީ ކަޕޫރަށް ދޭށެވެ. ނަމަވެސް އާމިރަށް ވާނީ ކަމަކު ނުދިޔަ އެވެ. ވާނީ އަށް ވުރެ އޭނާއަށް އާލިއާ ބަޓް ވެސް މާ ރަނގަޅެވެ. ނަމަވެސް މި ދެ ނަމާ އެއްބަސް ވެވޭ ގޮތް ނުވެ އެންމެ ފަހުން މިހާރު ސާރާ ފިލްމުގައި ބައިވެރިކުރަން އާމިރު ބޭނުންވީ އެވެ.

ސާރާ ބޮލީވުޑަށް ތައާރަފްވާނެ ފިލްމަކާ ބެހޭ ގޮތުން ފާއިތުވީ ދުވަސްތަކުގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔަ ނަމަވެސް އަދި އެއްވެސް ފިލްމެއް ޔަގީނެއް ނުވެ އެވެ. "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގައި ޓައިގާ ޝްރޮފްއާ އެކު ސާރާ ބައިވެރިކުރަން ފިލްމު ޕްރޮޑިއުސްކުރާ ކަރަން ޖޯހަރް ބޭނުންވެގެން އުޅޭ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް މި ވާހަކަތަކަކީ ވެސް މާ އާރުލާ އެއްޗަކަށް ނުވި އެވެ.

ސާރާ އަށް "ތަގްސް އޮފް ހިންދުސްތާން" ލިބިއްޖެ ނަމަ މިއީ އޭނާއަށް ބޮލީވުޑަށް ނުކުންނަން ލިބޭ ހުވަފެނީ ފެށުމަކަށް ވާނެކަން ޔަގީނެވެ.