ނުވަ މަސް ވަންދެން ވާނުވާއެއްގައި އޮތް އިންޑިއާގެ ކްލަބް ފުޓްބޯޅަ އަންނަ މަހު 14 ގައި ފަށަން ތައްޔާރުވެއްޖެ އެވެ.

ކޯޓް މަރުހަލާތަކާއި އިދާރީ މައްސަލަތަކެއްގެ ތެރޭގައި އޮތް އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) ފެށުމަށް 14 ޓީމާ އެކު އެއްބަސްވުމަކަށް ގޮސްފައިވާކަމަށް އިއުލާން ކުރެއްވީ އެ ގައުމުގެ ޔޫނިއަން ސްޕޯޓްސް މިނިސްޓަރު މަންސުކް މަންދާވިޔާ އެވެ.

މަންދާވިޔާ ވިދާޅުވި ގޮތުގައި ކުރިން ލީގު ނުފެށި އޮތީ ލީގު ހިންގުމާ ގުޅޭގޮތުން ކުރިމަތިވި މައްސަލަތަކަކާ ހުރެ ކަމަށެވެ. ނަމަވެސް މިހާރު ލީގު އަލުން ފެށުމަށް ނިންމާފައި ވަނީ އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނާއި 14 ކްލަބްގެ ވެރިންނާ އެކު ސަރުކާރުން މަޝްވަރާތަކެއްކޮށް ލިޔުމުން އެއްބަސްވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހަށް ފަހު އައިއެސްއެލް ނުފެށި އޮތީ ފެޑެރޭޝަނާއި ރެލިއެންސް ފުޓްބޯލް ސްޕޯޓްސް ޑެވެލޮޕްމަންޓް ލިމިޓެޑާ އެކު ކުރިން ހެދި އެއްބަސްވުން މިދިޔަ ޑިސެމްބަރު މަހު ހަމަވެގެންނެވެ. އެހެންވެ ތާވަލު ކުރި ގޮތަށް އާ ސީޒަން ފެށިފައެއް ނުވެ އެވެ.

އެއްބަސްވުމަކަށް ނާދެވިގެން އިންޑިއާ ފެޑެރޭޝަނުން ވަނީ މުބާރާތުގެ ކޮމާޝަލް ރައިޓްސް ބީލަމަށް ވެސް ލައިފަ އެވެ. ނަމަވެސް އަގު ބޮޑު ކަމަށް ބުނެ އެންމެ އެކަށޭނަ ތަރުހީބެއް ލިބިފައެއް ނުވާތީ އެ ޑީލް ކުރިއަށް ނުގެންދެ އެވެ.

ލީގު ނުފެށި އޮތުމުން ކްލަބްތަކަށް މާލީ ގޮތުން ގިނަ ގެއްލުންތަކެއް ކުރިމަތިވި އެވެ. ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ވެސް ބައެއް ކްލަބްތަކަށް ޖެހުނެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން މޯހަން ބަގާން ވަނީ މދިޔަ މަހަށް ފަހު އެ ކްލަބްގެ ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލައިފަ އެވެ.

އައިއެސްއެލް ހިންގުމާ އިންޑިއާ ފެޑެރޭޝަނުން ހަވާލުވެ، 20 އަހަރުގެ ޕްރޮޕޯސަލެއް ކްލަބްތަކަށް ފޮނުވާފައި ވާކަމަށް އިންޑިއާގެ މީޑިއާތަކުން ބުންޏެވެ.

ފެޑެރޭޝަނުން ރާވަނީ ހޯމް އެންޑް އަވޭ އުސޫލުން 91 އަށް މެޗު ކުޅޭ ގޮތަށެވެ. ނަމަވެސް ބައެއް ކްލަބްތަކުން އަދިވެސް ހޯމް ދަނޑުގެ ތަފްސީލު، ފެޑެރޭޝަނާ ހިއްސާ ކޮށްފައެއް ނުވެ އެވެ.

އިންޑިއާ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭ ވިދާޅުވެފައި ވަނީ ލީގުގެ ކޮމާޝަލް ނިންމުންތައް ނިންމަން ކައުންސިލް ބޯޑެއް އުފެދިގެން ދާނެ ކަމަށެވެ.

ފެޑެރޭޝަނުން ވަނީ ސީޒަނަކަށް 24.26 ކުރޯޑު ރުޕީސް (2.7 މިލިއަނެއްހާ ޑޮލަރު)ގެ ބަޖެޓެއް ހުށަހަޅައިފަ އެވެ. އެއީ މުބާރާތް ފަށަން ފެޑެރޭޝަންގެ ފަރާތުން 9.77 ކުރޯޑު ރުޕީސް (ގާތްގަނޑަކަށް 1.08 މިލިއަން ޑޮލަރު) އާއި ބައިވެރިވާ ކޮންމެ ކްލަބެއްގެ ފަރާތުންއެއް ކުރޯޑު ރުޕީސް (111،000 ޑޮލަރު) ގެ އުސޫލުންނެވެ. އިންޑިއާ ފެޑެރޭޝަނުން ވަނީ މި ފައިސާ އަންނަ ޖޫން މަހުގެ ނިޔަލަށް ބަހާލައިގެން ދައްކަން ކްލަބްތަކަށް ފުރުސަތު ދީފަ އެވެ.