04 އެޕްރީލް 2017 - 15:17

އަންކަރާ (އެޕްރީލް 4) - ތުރުކީގެ 45 ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުން މަގާމުން ވަކިކޮށްފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.
ގިނަ އަދަދެއްގެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި މި ވަނީ ޖުލައި މަހު ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތަށް ފަހު ޝަރުއީ ދާއިރާ ސާފް ކުރަން ކުރާ މަސައްކަތުގެ ދަށުންނެވެ. ޖުލައި 15 ވަނަ ދުވަހު ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތަށް ފަހު ސަރުކާރުގެ ތެރޭން 113،000 މީހުން ވަކިކޮށް ނުވަތަ ސަސްޕެންޑްކޮށްފައިވެ އެވެ.
ތުރުކީގެ ހުއްރިއްޔާ ނޫހުން ބުނީ ޖުލައި މަހުގެ ބަޣާވާތަށް ފަހު މިހާތަނަށް 4،000 އަށް ވުރެ ގިނަ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުން މަގާމުން ދުރުކޮށްފައިވާ ކަމަށެވެ. ރަސްމީ ނޫސް އެޖެންސީން ބުނީ އެންމެ ފަހުން ވަކިކުރި ފަނޑިޔާރުންގެ ތެރޭގައި ބަޣާވާތާ ގުޅިގެން ތުރުކީން ތުހުމަތުކޮށްފައިވާ ފަތުހުﷲ ގުލަންއާ ގުޅުން އޮތް ބަޔަކު މިނިވަން ކުރި 21 ފަނޑިޔާރަކު ހިމެނެ އެވެ.
ތުރުކީން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ހުޅަނގުން ދަނީ ފާޑު ކިޔަމުންނެވެ. އެކްޓިވިސްޓުން ބުނަމުން ދަނީ ބަޣާވާތާ ގުޅުވައިގެން ކަމަށް ބުނެ ގިނަ ބަޔަކު ހައްޔަރުކޮށް އަނެއް ބަޔަކަށް ބިރު ދައްކަމުން ދަނީ ސަރުކާރާ ދެކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން ކަމަށެވެ.