ތުރުކީގެ އަންހެން ފަނޑިޔާރަކަށް، އޭނާގެ ކުރީގެ ފިރިމީހާ ކަމަށްވާ ދައުލަތުގެ ވަކީލެއް ބަޑިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ. 

ތުރުކީގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ބަޑިން އެއްފަހަރު ހަމަލާ ދިނުމަށް ފަހު ދެ ވަނަ ފަހަރަށް ހަމަލާ ދޭން އުޅެނިކޮށް ހުއްޓުވީ ޕެރޯލްގެ ދަށުން ޖަލުން މިނިވަންކުރުމުގެ ގޮތުން ކޯޓުގައި ސައި ހެދުމުގެ މަސައްކަތަށް ދޫކޮށްފައި ހުރި ކުށްވެރިއެކެވެ. 

ސޯޒްކޫ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފަނޑިޔާރު އަސްލީ ކަހްރަމާން އަށް އޭނާގެ ކުރީގެ ފިރިމީހާ މުހައްމަދު ކަގަޓޭ ކިލިކަސްލާން ބަޑިން ދިން ހަމަލާ އަމާޒުވީ އުކުޅުވަޅަށެވެ. އިސްތަންބޫލްގެ އޭޝިއާ ފަޅީގައި ހުންނަ ކޯޓު އިމާރާތެއްގައި މިއަދު ދިން ހަމަލާގައި ފަނޑިޔާރު ވަރަށް ބޮޑަށް ޒަހަމްވުމުން ވަގުތުން ފަރުވާ ދޭން ފަށައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މިހާރު ހާލަތު ހަމަޔަކަށް އެޅިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

އަންހެނުން މެރުމާ ދެކޮޅަށް ވަކާލާތުކުރާ "ވީ ވިލް ސްޓޮޕް ފެމިސައިޑް" ޕްލެޓްފޯމުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އަންހެން ފަނޑިޔާރަކަށް ހަމަލާ ދީފައިވަނީ ކުށްވެރިންނަށް އަދަބު ދޭން ގެންދާ ތަނެއްގައި، އެންމެންގެ ކުރިމަތީގައި ކަމަށެވެ. 

"ކޯޓުތަކުގެ ތެރޭގައި ވެސް އަންހެނުންގެ ގަޔަށް ބަޑި ޖެހޭ" ކަމަށް ބުނެ މި އަމަލު ހިންގުނު ގޮތާ މެދު އެ ޕޯސްޓްގައި ފާޑު ކިޔާފައިވެ އެވެ. 

އަންހެނުން މެރުމުގެ ރެކޯޑްތަކެއް ތުރުކީން ރަސްމީކޮށެއް ނުބަލަހައްޓަ އެވެ. އެކަމަކު ހައްގުތަކަށް ވަކާލާތުކުރާ ބައެއް ޖަމާއަތްތަކުން މީޑިއާ ރިޕޯޓްތަކަށް ބަލައި، އެފަދަ މައުލޫމާތު އެއްކޮށް ހިސާބު ބަލަހައްޓަ އެވެ. 

"ވީ ވިލް ސްޓޮޕް ފެމިސައިޑްސް" އިން އެއްކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ފިރިހެނުންގެ ހަމަލާތަކުގައި 294 އަންހެނުން ތުރުކީގައި މަރާލާފައި ވާއިރު 297 އަންހެނެއްގެ މަރާ މެދު ޝައްކުތައް ވެސް އެބަ ހުއްޓެވެ.  

އޭގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކު ނުވަތަ 35 ޕަސެންޓް މީހުންނަކީ ފިރިންގެ ހަމަލާތަކުގައި މަރާފައިވާ މީހުންނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި  އަންހެނުންނަށް ކުރާ އަނިޔާއާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން 2021 ވަނަ އަހަރު ތުރުކީ ވަކިވި ފަހުން ތުރުކީގައި އަންހެނުންގެ މަރުތައް އިތުރުވެފައިވެ އެވެ. -- އޭއެފްޕީ