04 އެޕްރީލް 2017 - 15:37

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަމުންދަނީ ވަކި ގޮތަކަށް ތަރުތީބު ވެގެން ކަމަށާއި އެކަމުގެ ނިޔަތާއި މަގްސަދު ރަނގަޅު ނޫން ކަމަށް ގާސިމްގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
ގާސިމްގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި މަޖިލީހުގެ މެެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތެވެ. އެ މައްސަލާގައި ދެ ފަހަރެއްގެ މަތިން ގާސިމް ފުލުހަށް ގެންގޮސް، އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
ގާސިމްގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ ތަހުގީގުގައި ހަނު ހުރުމުގެ ހައްގު ބޭނުން ކުރަން ގާސިމް ނިންމެވުމުން، ހަނު ނުހުރެވޭނެ ކަމަށް ބުނެ ހަނު ހުރެފި ނަމަ އިތުރު ދައުވާއެއް ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދިން ކަމަށެވެ. އެކަން ކުރަނީ ގާސިމްގެ ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ދޭން އަންގައި، ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް އޮތުމުން ކަމަށް ފުލުހުން ބުނި ކަމަށާއި ފުލުހުން މަސައްކަތް ކުރަނީ ކޮންމެވެސް ދައުވާއެއް ކުރެވޭނެ ގޮތެއް ހޯދައިގެން ގާސިމްގެ މައްޗަށް ދައުވާކުރަން ކަމަށް ހިސާން ވިދާޅުވި އެވެ.
"ގާނޫނު އަސާސީން ދީފައި އޮތް ހައްގެއް ބޭނުން ކުރީމަ ކޯޓު އަމުރެއް ދައްކައިގެން، ގާނޫނު އަސާސީގައި ބުނެފައި އޮތް ހައްގެއް ނިގުޅައިގަތީ. އަސްލު މަގްސަދަކީ ކޮންމެވެސް މައްސަލައެއް ހޯދައިގެން، ކޮންމެވެސް ދައުވާ އުފުލި، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ކުރުން،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ މަޖިލީހުގައި ނަގާ ވޯޓެއްގައި ވަކި ކޮޅަކަށް ވޯޓު ދޭން އެދުމަކީ ރިޝްވަތު ދޭން އުޅުން ކަމަށް ފުލުހުން މާނަކުރާ ނަމަ އެއްވެސް ވޯޓެއްގައި ކެމްޕެއިންކޮށް، އެފަދަ ހަރަކާތްތައް ހިންގުން މަނާވާނެ ކަމަށެވެ. ފުލުހުން ގާސިމްގެ މައްޗަށް ތުހުމަތުކުރާ މައްސަލައަކީ ޖިނާއީ ކުށެއްގެ އެއްވެސް އުންސުރެއް ފުރިހަމަވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުސައިން ޝަމީމް ވިދާޅުވީ ފުލުހުން ގާސިމްގެ މައްޗަށް ތުހުމަތު ކުރާ ކުށްތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ހުރަސް އެޅުމުގެ ތުހުމަތު ވެސް ހިމެނޭ ކަމަށާއި ތަހުގީގުގައި ހަނު ހުރުމުގެ ހައްގު ބޭނުން ކުރުމުގެ ކުރިން އެ ތުހުމަތު ގާސިމްގެ މައްޗަށް ކޮށްފައި އޮތުމުން މިއީ ވަކި ގޮތަކަށް ތަރުތީބު ވެގެން ހިނގާ ކަމެއް ކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. ހަނު ހުރުމުގެ ހައްގު ބޭނުން ކުރާއިރު، އޯޑިއޯ ސާމްޕަލް ނެގޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ތިމާއާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެކި ނުދިނުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް. އެހެންވެ ހަނު ހުރުމުގެ ހައްގު ދީފައި މި އޮންނަނީ. އެކަމަކު ކޯޓުން ނެރުނު އަމުރުގައި އޮންނަނީ ހަނު ހުއްޓަސް، ހަނު ނުހުއްޓަސް އޯޑިއޯ ސާމްޕަލް ދޭށޭ. މިއީ މިކަން އާންމުކޮށް ހިނގާ ގޮތެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.
"ގާސިމް ޕޮލިހަށް ވަޑައިގަތުމުގެ ކުރިން އަމުރު އޮތީ ދެއްވާފައި. އެކަމަކު އެ އަމުރަކީ އޯޑިއޯ ދޭން އިންކާރުކޮށްފިއްޔާ ނެރޭ އަމުރެއް. އިންކާރު ކުރިތޯ ނުވަތަ ނޫންތޯ ނުބައްލަވާ އަމުރު އޮތީ ދެއްވާފައި،" އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނީ އިޖްރައާތުތަކާ ޚިލާފަށް ކަމަށާއި ފުލުހުން އެކަން ކުރަނީ ވަކި މީހަކު އަންގައިގެން ކުރާ ގޮތަށް ކަމަށެވެ. ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަކީ ކޮންމެ މީހަކަށް ވެސް އޮތް ހައްގެއް ކަމަށާއި ފުލުހުން އެފަދަ އަމަލުތައް ނުހިންގަން އޭނާ އެދިވަޑައިގަތެވެ.