ޑްރަގް ޓްރެފިކިންގެ މައްސަލައެއްގައި އައްޑޫން މިދިޔަ ނޮވެމްބަރު މަހު ހައްޔަރުކުރި އަލީ ނަދީމް (ނަދަމާ)، ސިޔާސީ މަގާމުން ވަކިކޮށްފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހިތަދޫގައި މިދިޔަ މަހުގެ 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ފަސް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން، އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކުރަނީ، ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް 2024 ވަނަ އަހަރު އައްޔަންކުރި ނަދަމާ، 30، އަށެވެ.

ހައްޔަރުކުރި ދުވަހުން ފެށިގެން އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގަ އެވެ. 

މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑްރަގްގެ މައްސަލައިގައި ނަދީމް ހައްޔަރުކުރުމާ އެކު، މިދިޔަ މަހުގެ 6 ގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

އެ "ނެޓްވޯކް"ގެ މީހުންނަށް އަމާޒުކޮށްގެން، މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގު ފެށީ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެންނެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް" ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މީޑިއާއާ ކުރިން ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ އެ ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފަ އެވެ.

ނަދީމަކީ އައްޑޫގައި ކުޅިވަރު ކަންކަމުގައި ވަރަށް ހަރަކާތްތެރި މީހެކެވެ. ފުޓްސަލް މުބާރާތްތައް ބޭއްވުމުގައި އިސްދައުރެއް އޭނާ އަދާކުރެ އެވެ. 

ޑްރަގް އޮޕަރޭޝަނެއްގައި މި ހަފްތާ ތެރޭ ގއ. ވިލިނގިލިން ހައްޔަރުކުރި ބައެއްގެ ތެރޭގައި ވެސް ސިޔާސީ މުވައްޒަފަކު ހިމެނެ އެވެ. އެއީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި އަހުމަދު އަނާމް އިބްރާހިމް، 30، އެވެ. އޭނާ ވެސް މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.