ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި 2-1 އިން ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް އޮޑި ސްޕޯޓްސް ކްލަބް މުހިއްމު މޮޅެއް ހޯދައިފި އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި، ލީގުގެ އަށްވަނައިގައި އޮތް ގްރީން އަށް ލީޑު ނަގައިދިނީ މިސްރުގެ ޑިފެންޑަރު އަލް ސައީދު މަހުމޫދެވެ.

އޮޑީގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ބެންޗުގައި އިން އިރު، ވައިސް ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ހުރީ ސަސްޕެންޝަނުގަ އެވެ. އަދި ދެވަނަ ވައިސް ކެޕްޓަން ހުސެއިން ނިހާން (ނިހާޓް) އަނިޔާގައި ހުރި އިރު، މިރޭގެ މެޗުގައި އޮޑި ސްޕޯޓްސް ލީޑު ކުރީ ގޯލްކީޕަރު މުހައްމަދު ޝަފީއު އެވެ.

ދެވަނަ ހާފަށް އޮޑީގެ ކޯޗު އަންޑްރެއަސް ގާސިއާ ވަނީ އަޔާޒު އަހުމަދު (އަޔާ) ކުޅެން ނެރެފަ އެވެ. އަދި މި ހާފުގެ 17 ވަނަ މިނިޓުގައި ކެޕްޓަން މުހައްމަދު ރަޝީދު ކުޅެން ނުކުތްތާ މިނިޓެއް ތެރޭ އޮޑިން ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. މި ލަނޑު ޖަހައިދިނީ ކަނާތު ބެކް އަހުމަދު އައިހަމް (އައިހު) އެވެ. އޭނާ ނަގައިދިން ބޯޅަ ގޯލަށް ވަނީ ގޯލުގެ ފާ ޕޯސްޓް ދަނޑީގައި ޖެހިފަ އެވެ.

އޮޑި އަށް މެޗުން ތިން ޕޮއިންޓް ލިބުނީ 90 ވަނަ މިނިޓުގައި ވާތު ބެކް މުހައްމަދު ސާމިރު ކާމިޔާބު ކޮށްދިން ގޯލުންނެވެ. އޭނާ މި ގޯލު ޖެހީ ޕެނަލްޓީ އޭރިއާގެ ބޭރުން ޓަޗް ލައިނާ ދިމާއިން ލިބުނު ހިލޭޖެހުމަކުންނެވެ.

މެޗު ނިމެން 10 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް އޮޑީގެ މިސްރު ޑިފެންޑަރު އިސްލާމް ފެކްރީގެ ބޮލަށް އަނިޔާވެގެން ވަނީ ދަނޑުމަތީގައި ގިނައިރުތަކެއް ވަންދެން ފަރުވާ ދިނުމަށް ފަހު ބާލައިފަ އެވެ. އަދި އިތުރު ވަގުތުގެ ނުވަވަނަ މިނިޓުގައި ގްރީންގެ އުޒްބަކިސްތާން ޑިފެންޑަރު ޝުކުރާލި ޕުލަޓޯވް އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.

މި ނަތީޖާއާ އެކު އޮޑި ސްޕޯޓްސް ވަނީ ލީގު ތާވަލްގެ ދެވަނައިގައި 14 މެޗުން 32 ޕޮއިންޓް ހޯދައިފަ އެވެ. ނިއު ރޭޑިއަންޓް ތިންވަނައިގައި އޮތީ 27 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި އޮތީ 40 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ.

މި މެޗުން ބަލިވެ ގްރީން ސްޓްރީޓްސް އަދިވެސް އޮތީ އަށް ޕޮއިންޓާ އެކު އަށްވަނައިގަ އެވެ.

އޮޑި އަށް ލީގުގައި ދެން އޮތީ ވެލެންސިއާއާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗެވެ. ގްރީން އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ހަތްވަނައިގައި އޮތް ޓީސީ ސްޕޯޓްސްއާ ދެކޮޅަށެވެ.

މީގުގައި ދެން މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހު އެވެ. އެ ދުވަހު ހަވީރު ބުރު ސްޕޯޓްސް އާއި ވިކްޓަރީ ބައްދަލު ކުރާއިރު، ރޭގަނޑު މާޒިޔާ އާއި އީގަލްސް ބައްދަލުކުރާނެ އެވެ.