ކޮތަޅުތަކާއި އެކި ޕެކޭޖްތަކުގެ ބޭރުގައި ﷲ ގެ އިސްމުފުޅު ލިޔުން ސައޫދީގެ ކޮމާސް މިނިސްޓްރީން މަނާކޮށްފި އެވެ.
ކޮމާސް މިނިސްޓްރީން ބުނީ އެއްޗެހި އަޅަން އަދި ބަންދުކުރަން ގެންގުޅޭ، ރަނގަޅު ނޫން ގޮތް ގޮތަށް ބޭނުންކުރެވޭ ތަކެތީގައި ﷲ ގެ އިސްމުފުޅު ލިޔުން މަނާކުރީ އެއީ އިހުތިރާމް ކުޑަކުރުމުގެ އަމަލަކަށް ވާތީ ކަމަށެވެ.
މިނިސްޓްރީ އޮފް ކޮމާސްގެ ތަރުޖަމާނު އަބްދުއްރަހްމާން އަލް ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ﷲ ގެ މާތް އިސްމުފުޅުތައް ނުވަތަ އަސްމާއުލް ހުސްނާއަށް އިހުތިރާމްކޮށް ހުރުމަތްތެރިކޮށް ހިތުމުގެ ނިޔަތުގައި ނިންމި ނިންމުމެއް ކަމަށެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ކޮމާސް މިނިސްޓްރީން ވަނީ ވިޔަފާރީގެ ނަންތަކުގެ ގޮތުގައި ވެސް ﷲ ގެ އިސްމުފުޅު ހިމެނޭ ނަންތައް ފާސްކޮށްދިނުން ހުއްޓާލައިފަ އެވެ.
މީގެ އިތުރުން ސައޫދީގެ ސަރުކާރާއި ސަރުކާރާ ގުޅުން ހުރި ތަންތަނާއި އެ ގައުމުގެ އަވަށްތަކާއި ސިޓީތަކުގެ ނަންތައް ވެސް ވިޔަފާރީގެ ނަންނަމުގެ ގޮތުގައި ރަޖިސްޓްރީކޮށްދިނުން ވަނީ ހުއްޓާލައިފަ އެވެ.