ޑިއުޓީ ފްރީ ފިހާރަތަކުން ދައުލަތަށް 100 މިލިއަން ރޯޔަލްޓީގެ ގޮތުގައި ލިބިއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން، މިއީ މިދިޔަ އަހަރު ލިބުނު ވަރަށް ވުރެ 20 ޕަސެންޓް އިތުރު އަދަދެކެވެ.

ޑިއުޓީ ފްރީ ރޯޔަލްޓީގެ ގޮތުގައި 2024 ވަނަ އަހަރު 84 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ރާއްޖޭގައި ޑިއުޓީ ފްރީގައި ވިޔަފާރި ހިންގަން ބޭނުންވާ ހުރިހާ ފަރާތަކުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށް، ކޮންމެ ޑިއުޓީ ފްރީ ފިހާރައަކަށް ލައިސަންސެއް ހޯދަން ޖެހޭނެ އެވެ. މިނިސްޓްރީގައި ރަޖިސްޓަރީކޮށް ލައިސަންސް ލިބިފައިވާ ކޮންމެ ޑިއުޓީ ފްރީ ފިހާރައެއް، ރޯޔަލްޓީގެ ބޭނުމަށް މީރާގައި ރަޖިސްޓަރީ ކުރެވޭނެ އެވެ.

ރާއްޖޭގައި ހިންގާ ޑިއުޓީ ފްރީ ހުރިހާ ފިހާރައަކުން ކޮންމެ މަހަކު ވެސް އެ މަހެއްގެ އާމްދަނީއަށް ބިނާކޮށް ރޯޔަލްޓީ ދައްކަން ޖެހޭނެ އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ގިނަ ޑިއުޓީ ފްރީ ފިހާރަތައް މެނޭޖްކުރަނީ އެމްއޭސީއެލް އިންނެވެ.

ރޯޔަލްޓީ ދެއްކުމުގެ ގާނޫނުގައިވާ ގޮތުން ފައިސާ ނުދައްކާ ނުވަތަ މުއްދަތުގެ ފަހުން ފައިސާ ދެއްކިޔަސް ވަކި ޖޫރިމަނާއެއް ނޯވެ އެވެ.

ނަމަވެސް، ޑިއުޓި ފްރީ ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް 1,000ރ. އާއި 100,000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީއަށް އޮވެ އެވެ.