އީރާނާ އެކު ވިޔަފާރިކުރާ ހުރިހާ ގައުމެއްގެ މުދަލުން 25 ޕަސެންޓުގެ ޓެރިފް ނަގަން ނިންމައި ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރައްވައިފި އެވެ. 

"އިސްލާމިކް ރިޕަބްލިކް އޮފް އީރާނާ އެކު ވިޔަފާރިކުރާ ކޮންމެ ގައުމަކުން އެމެރިކާއާ އެކު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން މި ވަގުތުން ފެށިގެން 25 ޕަސެންޓުގެ ޓެރިފް ނަގާނެ. މިއީ ފަހުގެ އަދި ބަދަލު ނުވާނެ ނިންމުމެއް،" ޓްރަމްޕު ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. 

އީރާނާ އެކު މައިގަނޑު ގޮތެއްގައި ވިޔަފާރިކުރާ ގައުމުތަކަކީ ޗައިނާ، ތުރުކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އިރާގު ކަމަށް ޓްރޭޑިން އިކޮނިމިކްސްގެ ޑޭޓާބޭސް އިން ދައްކަ އެެވެ. 

އީރާނާ އެކު ވިޔަފާރިކުރާ ގައުމުތަކުގެ މުދަލުން ޓެރިފް ނަގާނެކަން ޓްރަމްޕު އިއުލާނުކުރައްވާފައި މި ވަނީ އީރާން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން ހުއްޓުވަން ކުރާ މަސައްކަތުގައި މީހުން މަރަމުންދާ ކަމަށް ބުނެ އީރާނަށް ހަމަލާ ދިނުމުގެ އިންޒާރު ވެސް ދެއްވުމަށް ފަހުގަ އެވެ. 

އީރާންގެ ޖަމާއަތްތަކުން ބުނާ ގޮތުގައި މުޒާހަރާކުރާ މީހުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ވަނީ މަރާލައިފަ އެވެ. 

"ވައިގެ މަގުން ހަމަލާ ދިނުމުގައި އީރާންގެ މައްސަލައިގައި ހުރި އެތައް އިހުތިޔާރުތަކެއްގެ ތެރެއިން އިހުތިޔާރެއް،" ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް އިއްޔެ ވިދާޅުވި އެވެ. 

ނަމަވެސް އޭނާ ވިދާޅުވީ ޓްރަމްޕުގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއާ އެކު އީރާނުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ހަމަލާ ދޭން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށާއި އެކަމަކު ޑިޕްލޮމެޓިކް ހައްލަކަށް މަސައްކަތް ކުރަމުން އަންނައިރު އީރާނުން އާންމުކޮށް ނެރޭ ބަޔާންތަކުގެ ރާގާއި ވަކިން ދައްކާ ވާހަކައާ ވަރަށް ތަފާތު ކަމަށް ވެސް ލީވިޓް ވިދާޅުވި އެވެ. -- އޭއެފްޕީ