އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހާއްސަ މަންދޫބާ އެކު މިހާރު ވާހަކަ ދައްކަން ފަށާފައިވާ ކަމަށް އީރާންގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
"މުއާސަލާތުގެ 'ޗެނަލް' އެއް އަޅުގަނޑުމެންގެ ފޮރިން މިނިސްޓަރު [އައްބާސް އަރަގްޗީ] އަދި އެމެރިކާގެ ރައީސްގެ ހާއްސަ މަންދޫބާ އެކު ވަނީ ފެށިފައި،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެސްމާއިލް ބަޣެއީއާ ހަވާލާދީ އީރާންގެ ދައުލަތުގެ ޓީވީން ބުންޏެވެ.
ޓްރަމްޕުގެ މެދުއިރުމަތީ މަންދޫބު ސްޓީވް ވިޓްކޮފްއަށް އިޝާރާތްކޮށް ތަރުޖަމާނު ވިދާޅުވީ ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ވެސް މިހާރު މުއާސަލާތު ކުރެވޭނެ ކަމަށެވެ.
އީރާނާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުމެއް ނޯވެ އެވެ. އެހެންވެ ޑިޕްލޮމެޓިކް ހުރިހާ ކަމެއްގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރަނީ ސްވިސް އެމްބަސީ އެވެ.
އީރާން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނަށް އެހީވެ އަސްކަރީ ބާރުގެ
ބޭނުންކުރާނެ ކަމުގެ އިންޒާރު ދިނުމާ އެކު އީރާންގެ ލީޑަރުން ގުޅުއްވައި
މަޝްވަރާއަށް ތައްޔާރަށް ތިބިކަން އަންގަވާފައިވާ ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފަ އެވެ.
"އީރާންގެ ލީޑަރުން ވަނީ އިއްޔެ ގުޅުއްވާފައި،" އެއާ ފޯސް ވަންގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕު ވިދާޅުވި އެވެ.
އީރާންގައި ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން އެންމެ ފަހުން
ބުނެފައިވާ ގޮތުގައި މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކޮށް ގިނަ
އަދަދެއްގެ ބަޔަކު ވަނީ މަރާލައިފަ އެވެ. ސަރުކާރުން ގެންދަނީ ސަރުކާރަށް
ތާއީދުކުރާ މީހުން މުޒާހަރާއާ ދެކޮޅަށް މަގުތަކަށް ނެރެ ކުރިމަތިލުމަށް
މަގު ފަހުކުރަމުން ކަމަށާއި މިހާތަނަށް، މަދުވެގެން 192 މީހަކު
މަރާލާފައިވާ ކަމަށް ކަށަވަރުކުރެވިފައިވާ ކަމަށް ބުންޏެވެ.
އީރާނުގައި މުޒާހަރާތައް މީގެ ދެ ހަފްތާ ކުރިން ފެށުނީ އިގްތިސާދީ
ދަތިކަން ބޮޑުވެ އެކަމާ އުފެދުނު ނުތަނަވަސްކަމުގަ އެވެ. އެކަމަކު މުޒާހަރާ
ފުޅާވެ މިހާރު ވަނީ 1979 ގެ އިސްލާމީ އިންގިލާބަށް ފަހު އެ ގައުމުގައި
ކުރާ އެންމެ ބޮޑު މުޒާހަރާއަށް ބަދަލުވެ ސަރުކާރަށް ބިރު ބޮޑުވެފަ އެވެ.