04 އެޕްރީލް 2017 - 13:26

ޓޮރިނޯ އަށް ކުޅޭ އިޓަލީ ފޯވާޑް އަންދްރޭ ބެލޮއްޓީ އަކީ އާޖެންޓީނާގެ ކުރީގެ ފޯވާޑް ގެބްރިއަލް ބަޓިސްޓޫޓާ އަށް ވުރެ މޮޅު ކުޅުންތެރިޔެއް ކަމަށް މަޝްހޫރު ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.
އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ފޯވާޑް ދައްކަމުން އަންނަ ވަރުގަދަ ކުޅުމާ އޭނާ ގެންދަން އިންގްލެންޑުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ޓޮރިނޯއާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން ކެންސަލްކުރެވޭނީ 100 މިލިއަން ޔޫރޯ ދައްކައިގެންނެވެ. ޓޮރިނޯ އިން ބުނީ މި ސީޒަނަށް ފަހު އޭނާ ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށާއި ގެންދަން ބޭނުން ނަމަ އެ އަދަދު ދައްކަން ޖެހޭނެ ކަމަށެވެ.
އިންގްލެންޑް ގައުމީ ޓީމާއި އޭސީ މިލާން އަދި ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ކަޕެއްލޯ ބުނީ ބެލޮއްޓީ އަކީ ޔޫރަޕުގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފޯވާޑް ކަމަށެވެ.
"އޭނާ އަށް އެނގޭ (އޭރިއާ ތެރޭގައި) ހަރަކާތްތެރިވާން. އޭނާ އަށް ކޮންމެ ކަމެއް ވެސް ކުރެވިދާނެ. އޭނާ އަކީ ވަރަށް ހަލުވި އަދި (ފިޒިކަލީ) ވަރުގަދަ ކުޅުންތެރިޔެއް. ޓެކްނިކަލީ އޭނާ އަކީ ބަޓިސްޓޫޓާ އަށް ވުރެ ވެސް މޮޅު ކުޅުންތެރިޔެއް،" ބަޓިސްޓޫޓާ އަށް ރޯމާގައި ކޯޗުކޮށްދީފައިވާ ކަޕެއްލޯ ބުންޏެވެ.
ބެލޮއްޓީ، 23، ވިދާލީ މަޝްހޫރު ފޯވާޑުން ކަމަށްވާ އަލްބާޓޯ ގިލާޑީނިއޯ އާއި ލޫކާ ޓޯނީ އާއި ޕައޮލޯ ޑިބާލާ އާއި ހަވިއާ ޕަސްތޯރޭ އަދި އެޑިންސަން ކަވާނީ ފަދަ ކުޅުންތެރިން ވެސް ތައާރަފްވި އިޓަލީގެ ޕަލޭމޯ އިންނެވެ. މި ސީޒަނުގައި 23 ލަނޑު ޖަހާފައިވާ ބެލޮއްޓީ އަކީ އިޓަލީ ގައުމީ ޓީމުގެ ވެސް އެންމެ މުހިއްމު ފޯވާޑެވެ.