04 އެޕްރީލް 2017 - 12:33

ވިލިމާލޭގައި މީގެ ހަ އަހަރު ކުރިން ގްރޫޕަކުން ހަމަލާދީ އަހުމަދު މިރުޒާ އިބްރާހިމް މަރާލުމުގައި ބައިވެރިވި ދެ މީހަކު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އޭޕްރީލް، 2011 ގައި ވިލިމާލޭގެ ކުޑަކުދިންގެ ޕާކް ކައިރީގައި ނ. މާޅެންދޫ ވައިޓްހައުސް މިރުޒާ އަށް ލަކުޑިބުރި ފަދަ ތަކެތިން ހަމަލާދީ މަރާލި މައްސަލާގައި މަރަން ހުކުމްކުރީ ޏ. ފުވައްްމުލަކު ޒާވިއާ އަބްދުﷲ ނަޒީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ މައްޗަށެވެ. އެ މައްސަލާގައި ދެން ދައުވާލިބުނު ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.
ހުކުމް އިއްވަވަމުން، މައްސަލަ ބެއްލެވި އިސް ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ މިރުޒާ އަށް ހަމަލާ ދިނުމުގައި ނަޒީފާއި ޝިފާއު ބައިވެރިވިކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ. އެ އަމަލު އެ މީހުން ހިންގީ ބަދަލު ހިފުމުގެ ރޫހުގައި ކަން ސާބިތުވާ ކަމަށާއި މިރުޒާ މަރުވީ އެ ހަމަލާތަކުގެ ސަބަބުން ކަން އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގޭ ކަމަށް އިސް ގާޒީ ބާރީ ވިދާޅުވި އެވެ.
ހައްގަކާ ނުލައި، މީހުން މެރުމަކީ އިސްލާމީ ޝަރީއަތުގައި މަނާ ކުރައްވާފައިވާ ކަމަކަށް ވާއިރު އިސްލާމީ ޝަރީއަތުގެ އެ އަމުރަށް ނަޒީފާއި ޝިފާއު ނުކިޔަމަންތެރިވީ ކަމަށް ގާޒީ ވިދާޅުވި އެވެ. މިރުޒާގެ ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ އެ ދެ މީހުން މެރުމަށް ހުކުމް ކަނޑައެޅީ އެ ކުށް ކުރި އިރު އަމަލުކުރި ގާނޫނުލް އުގޫބާތާއި މިހާރުގެ ގާނޫނުލް އުގޫބާތަށް ރިއާޔަތްކޮށް ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.
ހުކުމް އިއްވެވުމަށް ފަހު ގާޒީ ބާރީ ވަނީ، ހުކުމާ މެދު ހިތްހަމަނުޖެހޭ ނަމަ އިސްތިއުނާފްގެ ފުރުސަތު އޮތް ކަން ދައުވާލިބުނު މީހުންނަށް ހަނދާންކޮށް ދެއްވައިފަ އެވެ. ދައުވާލިބުނު މީހުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ނުކޮށްފި ނަމަ އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ދާން ޖެހޭނެ އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ.
އެ މައްސަލަ ކުރިން ބެއްލެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ. އޭނާ އެ މައްސަލައިގެ އަޑުއެހުންތައް ނިންމަވާލާފައި ވަނިކޮށް އޭނާ ފެމިލީ ކޯޓަށް ބަދަލު ކުރުމުން އިސްގާޒީ ބާރީ އެ މައްސަލަ ބެއްލެވުމާ ހަވާލުވެ ވަޑައިގަތީ އެވެ.
މިރުޒާ އަށް ދިން އެ ހަމަލާތަކާ ގުޅިގެން އޭނާ މަރުވީ ފަރުވާ ދެމުންދާތާ ދެތިން ދުވަސްފަހުން އައިޖީއެމްއެޗްގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ސިކުނޑި އޮތީ މަރުވެފަ އެވެ. އޭނާ މަރުވިއިރު އޭނާ ދިޔައީ ކައިވެންޏަށް ތައްޔާރުވަމުންނެވެ.