04 އެޕްރީލް 2017 - 12:25

އޮޓާވާ (އެޕްރީލް 2) - ކެނެޑާގެ މަތިންދާ ބޯޓެއްގެ ކޮކްޕިޓްގައި މަސްތުވެފައި އިންދާ ނެރުނު ޕައިލެޓަށް، އަށް މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ސްލޮވާކިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 37 އަހަރުގެ މިރޮސްލާވް ގްރޮނީޗުގެ މައްޗަށް މާޗް 21 ވަނަ ދުވަހު ވަނީ ކުށް ސާބިތުވެފަ އެވެ. އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިތުރުން ވަނީ އެއް އަހަރު ދުވަހަށް މަތިންދާ ބޯޓު ދުއްވުން މަނާކޮށްފަ އެވެ. މި މުއްދަތު ގުނަން ފަށާނީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.
އާ އަހަރު ފެށުނު ދުވަހު، ބަޖެޓް އެއާލައިނެއް ކަމަށްވާ ސަންވިންގް ބޯޓު މެކްސިކޯ އަށް ފުރަން ތައްޔާރުވެފައި ވަނިކޮށް ޕައިލެޓް މަސްތުވެފައި އިންކަން ފާހަގަކުރީ އެއާލައިނުގެ ސްޓާފެކެވެ. ބޯޓުގެ ކޯ ޕައިލެޓަށް ވެސް އެކަން ފާހަގަވުމުން އޭނާ ވެސް ވަނީ ޕައިލެޓް ބޯޓުން ފޭބުމަށް އަންގައިފަ އެވެ. ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމާ އެކު ޕައިލެޓް ވަނީ ބޯޓުން ބާލައިފަ އެވެ. ޕައިލެޓް އަތުލައިގަތްތާ ދެ ގަޑިއިރު ފަހުން ވަނީ އޭނާގެ ހަށިގަނޑުން އެލްކޮހޯލުގެ މިންވަރު ހުއްދަ މިންވަރަށް ވުރެ ތިން ގުނަ އިތުރަށް ހުރި ކަމަށް ދައްކައިފަ އެވެ. ޕައިލެޓުގެ މައްޗަށް ކޮށްފައި ވަނީ މަތިންދާ ބޯޓު ނުދުއްވޭ ފަދަ ހާލަތެއްގައި އިނދެ ބޯޓު ދުއްވަން އުޅުމުގެ ދައުވާ އެވެ.
މަސްތުވެފައި އިން ޕައިލެޓް ދުއްވަން އުޅުނު ބޯޓުގައި 100 ޕަސިންޖަރުން ތިއްބެވެ.