ކުޑަ ދޯނީގެ ވަޑާމަށް ޖެހިގެން އޮތް ރަށުން އައި ވަޑީގެ ހާރު ކެއުމަށް ނޫޑްލްސް ކޮޅެއް ކައްކާލަން ހައްވާ ދީދީ (ހައްވައިދީ) ބަދިގެއަށް ވަން އިރު ބަދިގޭގައި ހުރި ފުޅިބައްތީގެ ކަނި ހުލިވަނީ އެވެ. ސާފުތެޔޮ ފޮދެއް އަޅައިގެން ނޫނީ އެ ބައްތިން އަލިކަމެއް ނުލިބޭނެ އެވެ. ހައްވައިދީ ބަދިގެ ތެރޭގައި އަވަދިނެތި އުޅޭތީ، އޭނާ އަށް ފަސޭހަކޮށްދޭން ފިރިމީހާ އަލިދީދީ އުޅުނެވެ. ބައްތި އަށް ތެޔޮފޮދެއް އަޅަން ތެޔޮހަން ނަގައި ފުޅިބައްތިއަށް އަރިކޮށްލި އެވެ.

ތިއްކެއް ވަރުގެ އަލިފާން ކަނި، ހުޅުހިފައިގެން ގޮސް ތެޔޮހަމުގެ ތެރެއަށް އަލިފާންގަނޑު ދެމިގަތެވެ. އެ ހުޅުގަނޑު ފެތުރި ހިފީ އަލިދީދީގެ މުޅި ގައިގަ އެވެ. 

"އެ ވަގުތު އެތާ ހުރި މާމަމެންގެ [ދެބެންގެ ދެދަރި މީހެއް] އަސްމާ. މަމެން ދެ މީހުން ވެގެން އެޔޮ [އޭނާގެ] ގަޔަށް ފެން ބާލިދީއެއް ޖެހުމާ ވެސް އަލިފާންގަނޑު ނުވެއް ނިވުނު،" މީގެ 25 އަހަރުކުރިން އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ހިތާމަވެރި ހާދިސާ ހައްވައިދީ ކިޔައިދެމުން ދިޔަ އެވެ. 

"ދެން އެޔޮ [އަލީދީދީ] އެބަ ގޮވާ ވެލި ޖަހާށޭ. ވެލި ޖާހަށޭ. ދެން އެޔޮ ބިންމައްޗަށް ވެއްޓި ފުރޮޅެން ފަށައިފި. މުޅި ގައިގައި އޮތީ ހުޅުގަނޑު ހިފާފާއި." 

ދިޔަމިގިލީގައި ސިއްހީ މަރުކަޒެއް ވެސް އޭރު ނެތެވެ. އެކަށީގެންވާ ފަރުވާ ދެވެން ނެތިގެން އަލިދީދީ ގެންދިޔައީ އިތުރު ފަރުވާ އަށް މި އަތޮޅު ވިލުފުއްޓަށެވެ. ސިފައިންގެ އުޅަނދެއް ވެސް އެ ރަށުގައި އޮތް ވަގުތަކާ ދިމާވިކަމުން އެ އުޅަނދު މާލެ ދިޔައީ ހާލު ދެރެވެފައި އޮތް އަލިދީދީ ވެސް ގޮވައިގެންނެވެ. 

މާލެ ގެންގޮސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށި އެވެ. އެކަމަކު އަލިދީދީގެ ހަށިގަނޑުން ފިހުނު ތަންތަންގަނޑު ފަސޭހަ ނުވެ އެ ވޭނުގައި އޭނާ ނިޔާވީ އެވެ. 

"މާލެ ގެންދިޔަތާ 13 ވަނަ އަށް ވީ ދުވަހު ނިޔާވެއްޖެ،" ފެންކަޅި ވެފައި އިނދެ ހައްވައިދީ އެ ހަނދާތައް އާ ކުރި އެވެ. 

ހައްވާ ދީދީ: ހުރީހާ ހާލަތެއްގައި ވެސް އޭނާ ސާބިތުވެ ހުރީ ކެތްތެރިކަމާ އެކު

ހައްވާ ދީދީ: ހުރީހާ ހާލަތެއްގައި ވެސް އޭނާ ސާބިތުވެ ހުރީ ކެތްތެރިކަމާ އެކު

ފިރިމީހާގެ ކުއްލި މަރާއެކު ހައްވައިދީ ހުވަފަތް ވީ އެވެ. އެ ދެމަފިރިންގެ ހަތް ދަރިންނާ އެކު އޭނާ އެކަނިވީ  އެވެ.

އަލިދީދީއަކީ މަސައްކަތް ދަންނަ މުރާލި މީީހެކެވެ. ދިރިއުޅުން ކޮޅަށް ނަގަން ގަދައަޅައި ބުރަ މަސައްކަތް ކުރި އެވެ. ތިން ކޮޓަރި އާއި ސިޓިން ރޫމެއް ހިމެނޭ، އޭރުގެ ފެންވަރުން ރަނގަޅު ގެއެއް ވެސް ރާނައި ހިޔާކުރީ އޭނާ އަމިއްލައަށެވެ. ހައްވައިދީ ބުނި ގޮތުގައި އޭރު ވެސް އަލީދީދީ އުޅުނީ ގެންގުޅުނު ކުޑަ ދޯނީގައި ކުރަން ހުރި ވަޑާން އަވަހަށް ނިންމާލާފައި ރޯދަ މަސް ނިމެންވާއިރަށް އެ އޮޑި ފެނަށް ބެލޭތޯ އެވެ. އެކަމަކު އެ ފުރުސަތު ނުލިބި އަލިފާނުގެ އެ ހާދިސާގައި އަލިދީދީ ނިޔާވީ އެވެ.

ނަމަވެސް ހައްވައިދީގެ ހިތްވަރުގެ ހުޅުކޮޅު ނުނިވުނެވެ. ދަރިންގެ ހައްގުގައި އޭނާ ގުރުބާންވާން ޖެހޭކަން އަމިއްލައަށް ގަބޫލު ކުރި އެވެ. ހަތް ދަރިންގެ ތެރެއިން އެންމެ ދޮށީ ދެބެއިން ފިޔަވައި އަނެއް ފަސް ކުދިން އޭރު އުޅެނީ ސްކޫލުގަ އެވެ.

 

"މިހާރު މިހެން އިނދެ ވިސްނައިލުމާ ހިތަށް އަރައި ކޮން ފަދަ ހާލަކު ހެއްޔޭ އޭރު އުޅެވެނު،"

ހައްވައިދީ

އަލިދީދީގެ މަރަށް ފަހު، ރަށަށް އައިސް ދުވަސްކޮޅަކު ރަށުގައި އުޅެލާފައި ހައްވައިދީ ދަތުރު ހެދީ މާލެ ބަދަލުވުމަށެވެ. މަންމައެއްގެ އިތުރުން ދަރިންގެ ބައްޕަގެ ޒިންމާ ވެސް ނަގަން ހުރި މީހަކީ ހައްވައިދީ ކަމަށްވާތީ އާއިލާގެ ހަރަދުތައް ބެލެހެއްޓޭނެވަރުގެ މަސައްކަތެއް ހޯދުމުގެ ވެސް ވިސްނުމުގަ އެވެ.

ކުއްޔަށް ތަނެއް ލިބެންދެން ތިމާގެ މީހެއް ކައިރީގައި ދުވަސްކޮޅަކު ހުރުމަށް ފަހު، ވިލިމާލެއިން 1،100ރ. އަށް ކޮޓަރިއެއް ކުއްޔަށް ލިބުމުން އެ ތަނަށް ބަދަލުވި އެވެ. ދަރިން ގޮވައިގެން ސްކޫލު ދޮށަށް ހިނގަމުން ދެ ތަނަށް ވަޒީފާ އަށް ދާން ފެށި އެވެ. އެ ނޫން ގޮތަކަށް ދިރިއުޅުން ފަރުނުޖެއްސޭނެ އެވެ.

"ދެތަނަށް ވަޒީފާ އަށް ގެސްގެން އޭރު އުޅެނު. ޖަސްޓިސް ބިލްޑިންގެ މަސައްކަތު މީހެއްގެ ވަޒީފާ އަށް ހެނދުނު ދަނު. މެންދުރުފަހު 2:30 ގައި އެތަން ނިމެނުމާ ދެން ދަނު އިމާދުއްދީނަށް [ސްކޫލަށް] ގޮސް އެތާ ސާފުކުރަން އުޅެނު،" ހައްވައިދީ ކިޔައި ދިނެވެ. 

"ވިލިމާލެއިން ހެނދުނު ހެނދުނާ ދަނު ކުދިން ސްކޫލަށް ލާން ގޮވައިގެން. ސްކޫލަށް ލައިފެ ދެން ދަނު ޖަސްޓިސް ބިލްޑިން އަށް." 

އެއީ އަހަރުތަކެއް ވަންދެން ކޮންމެ ހަފުތާއަކުހެން ނުވަތަ ކޮންމެ ދުވަހަކުހެން އޭނާގެ ތާވަލު އޮންނަ ގޮތެވެ. 

ހައްވައިދީ، އޭނާގެގޭގެ ޖޯލީގައި: ދަރިންނަށްޓަކައި އޭނާ ވަނީ މަންމައެއްގެ އިތުރުން ބައްޕައެއްގެ މަގާމު ވެސް އަދާކޮށްފަ

ހައްވައިދީ، އޭނާގެގޭގެ ޖޯލީގައި: ދަރިންނަށްޓަކައި އޭނާ ވަނީ މަންމައެއްގެ އިތުރުން ބައްޕައެއްގެ މަގާމު ވެސް އަދާކޮށްފަ

"މިހާރު މިހެން އިނދެ ވިސްނައިލުމާ ހިތަށް އަރައި ކޮން ފަދަ ހާލަކު ހެއްޔޭ އޭރު އުޅެވެނު،" އޭނާގެ ގޭގެ ބޭރުގައި ހުރި ޖޯލީގައި އިށީންދެގެން އިނދެ "މިހާރު" އަށް އެ ވާހަކަތައް ހައްވައިދީ ކިޔައި ދިނެވެ. 

ދަރިން ސްކޫލު ނިމި އަމިއްލައަށް ދިރިއުޅުން ފަށާތަން ފެންނަން ފެށުމުން ހައްވައިދި އަށް އުފާވެރިކަން ލިބެ އެވެ. އޭނާގެ ގުރުބާނީގެ ނަތީޖާ ފެންނާތީ އެވެ.

މި ރަށު ސްކޫލުގެ މަސައްކަތު މީހެއްގެ ވަޒީފާ ހަމަޖެހުމުން، ޖަސްޓިސް ބިލްޑިންގުގެ މަސައްކަތު މީހެއްގެ ވަޒީފާ ދޫކޮށް ހައްވައިދީގެ ދިރިއުޅުން ރަށަށް ބަދަލު ކުރި އެވެ. އޭރު ސްކޫލް ނުނިމި ތިބީ އެންމެ ހަގު ދެބެއިންނެވެ. ދަރިންނާ އެކު އަމިއްލަ ރަށުގައި ދިރިއުޅުމުގެ ފުރުސަތު ލިބުމުން އޭނާ އަށް ލިބޭ އުފާވެރިކަން ބޮޑެވެ. މާލޭގައި ދައްޗާއި ތުރާލުގައި ގަނަތެޅިގެން އަހަރުތަކެއް ހޭދާކުރުމަށް ފަހު، އަމިއްލަ ރަށުގައި ދަރިންނާއި މާމަ ދަރިންނާ ކޮންމެ ދުވަހަކުހެން ފެނި ބައްދަލުވުމުން އެ ލިބޭ ހިތްހަމަޖެހުން ސިފަކޮށްދޭނެ ގޮތެއް ވެސް ހައްވައިދީއަކަށް ނޭނގުނެވެ.

ވަޅެއްގެ ތެރޭގައި ދަރިފުޅުގެ ކުއްލި ވަކިވުން

އޭނާގެ އެ އުފާވެރިކަން މޮޅިވެރިކަމަށް ބަދަލުކޮށްލީ އަނެއްކާވެސް ކުއްލި މަރަކުންނެވެ. އޭނާގެ ދަރިންގެ ތެރެއިން ތިންވަނަ ފިރިހެން ދަރިފުޅުގެ ކުއްލި މަރެވެ. އެ ދަރިފުޅު ޒަވާޖީ ހަޔާތެއް ފަށައި ކައިވެންޏަށް ދޮޅު އަހަރު ނުވަނީސް މަރުވި ހާދިސާއަކީ މި ރަށާއި މުޅި ރާއްޖެ އަށް ވެސް ސިހުން ގެނައި ހާދިސާއެކެވެ. 

މާޗް 2008 ގައި މަސްމާރުކޭޓްގެ ވަޅެއްގައި ބޯހޯލް ތޮރުފަން އުޅުމުގެ ތެރޭގައި އެ މަސައްކަތުގައި އުޅުނު މި ރަށުގެ ފަސް ޒުވާނުންގެ ކުއްލި މަރުގެ ހާދިސާ އެވެ. އެ އެ ހާދިސާގައި މަރުވި އެކަކީ ހައްވައިދީގެ ދަރިފުޅު އަހްމަދު ރަޝީދު (އަންވަރު) އެވެ. 

ރަށުގައި އަދާކުރި ވަގުތީ ވަޒީފާގެ މުއްދަތު ހަމަވުމުން އަންވަރު މާލެ ދިޔައީ ރަށުގެ ބައެއް އެހެން ޒުވާނުން ވެސް އޭރު މަސައްކަތް ކުރި ކުންފުނީގައި މަސައްކަތް ކުރުމަށެވެ. ބޯހޯލް އެޅުމަށް ހާއްސަވި އެ ކުންފުނީގެ މަސައްކަތާ އޭނާ ގުޅުނުތާ ހަތަރު މަސް ނުވަނީސް އެ ކުއްލި ހާދިސާގައި ވަޅުގެ ތެރޭގައި އޭނާ އާއި އަނެއް ހަތަރު ޒުވާނުން ނިޔާވީ އެވެ. 

އަންވަރުގެ މަރުގެ ވާހަކަ ދައްކަން ފެށުމުން، ހައްވައިދީގެ ލޯ ފެންކަޅިވެއްޖެ އެވެ. އެ އަސަރު އޭނާގެ މޫނުމަތިން ނުދައްކަން ދެ އަތުން ދެ ލޯ ފުހެލި އެވެ. މައިވަންތަކަމުގެ ލޯތްބާއި އަސަރު އޭނާގެ މޫނު މައްޗަށް ޖަމާވި އެވެ. އެ ފުން ހިތާމައިގެ އަސަރު ފޮރުވަން އުޅުނަސް އޭނާއާ އެއް ޖޯލި ދޫކޮށް އިށީންދެގެން ހުރި އިރު އަޅުގަނޑަށް އެ މަންޒަރު ރަނގަޅަށް ފެނުނެވެ.

ހައްވައިދީ ދެން ވާހަކަ ދައްކަން ފެށި އެވެ. 

"ސްކޫލުގައި ޑިއުޓީ ކުރި ވަޒީފާގެ މުއްދަތު ހަމަވުމާ، އެޔޮ [އަންވަރު] (ރަށުން) ދިޔޯ. އެޔޮގެ އަންހެނުން މިތާ ބަހައްޓައިފެ ރަށުން ދިޔެ ފުރަތަމަ ދަތުރު،" ރަށު ބަހުން ވާހަކަ ދެއްކި ހައްވައިދީ ކިޔައި ދިނެވެ. 

ހުވަފަތް އަންބެއްގެ ގޮތުގައި ހައްވައިދީ ހޭދަކުރި ހިތްދަތިކަމަށް އޭނާ ކެތްތެރިވި އެވެ. އެކަމަކު އޭނާގެ ދަރިޔަކު މަރުވެ، ޅީދަރިފުޅު ހުވަފަތް ވެގެން ދިއުމުން އެ ޒުވާން އަނބިމީހާ ކުރި ހިތާމަ ފެނުމުން  ހައްވައިދީ އަށް އަސަރު ކުރި އެވެ. އެހެން އަންހެނަކަށް އެފަދަ ހިތާމައަކާ ކުރިމަތިވާން އޭނާ ނޭދޭތީ އެވެ. ހާއްސަކޮށް އޭނާގެ ދަރިޔެއްގެ މަގާމުގައި ހުރި ޒުވާން އަންހެނަކަށް އެވަރުގެ ހިތާމައެއް ކުރިމަތިވާކަށް ހައްވައިދީ އަމުދުން ނޭދޭނެ އެވެ.

އެ ފަދަ ކޮންމެ ހާދިސާއެއްގައި އޭނާ ކެތްތެރިވި އެވެ. އޭނާ ދެއްކީ ގަދަ ހިތްވަރެކެވެ. ފިރިމީހާގެ އަނދައި، މަރުވެ ދިޔައީ އޭނާގެ ކުރިމަތީގަ އެވެ. އޭގެ އަހަރުތަކެއް ފަހުން އޭނާގެ ދަރިފުޅުގެ ކުއްލި މަރެވެ. މިއިން ކޮންމެ ހާދިސާއަކަށް ފަހު ހައްވައިދީ ވީ ގުރުބާނީ އާއި އޭނާގެ ކެތްތެރިކަމަކީ ކޮންމެ މީހާކަށް ނަމޫނާ އެކެވެ. 

"އަލިދީދީ މަރަވުމާ ވެސް ހިތަށް އެރު މިއީ ﷲ ކުރައްވާ އިމްތިހާނެކޭ. މިއަށް ކެތްތެރިވެގެން ކުރިއަށް ދިއުމޭ އަޅުތަކުންނަށް އޮންނަ ކަމަކޫ،" އަޒުމު ވަރުގަދަ ހައްވައިދީ ވާހަކަ ދެއްކި އެވެ. 

"އަންވަރު މަރުވުމާ ވެސް ހިތައް އެރު މަގޭ ދަރިފުޅު އެކަންޏެއް ނޯނޭ. ހަމަ މިރަށު ގާތް މީހުންގެ އެހެން ދަރިން ވެސް އެޔާ [އޭނައާ] އެކު މަރުވެއްޖެޔޭ. އެ މީހުން އަދި މާ ބޮޑަށް ހިތާމަ ކުރާނެ ކަންނޭނގެޔޭ. އެ ހުރިހާ ކަމަކަށް ކެތްތެރިވުމާ ރަނގަޅު ގޮތެއް ނޫނީ ﷲ މެދުވެރި ނުކުރައްވާނެޔޭ."

ހައްވައިދީ: ކުއްލި މަރުގައި އަވަރުގެ ވާހަކަ ކިޔައިދެމުން ދިޔައިރު އޭނާ ފެންކަޅިވެފައި

ހައްވައިދީ: ކުއްލި މަރުގައި އަވަރުގެ ވާހަކަ ކިޔައިދެމުން ދިޔައިރު އޭނާ ފެންކަޅިވެފައި

އެއީ ހައްވައިދީ ހަރުދަނާ އަގީދާ އެވެ. އެ ހުރިހާ ހާދިސާތަކެއްގެ ކުރިމަތީ ކެތްތެރިކަމާ އެކު ސާބިތުވެ ހުރެވުނުކަމުގެ ހިތްހަމަޖެހުން އޭނާ އިހްސާސް ކުރެ އެވެ. 

ސަރުކާރުގެ ވަޒީފާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރުމަށް ފަހު ހައްވައިދީ އަމިއްލައަށް ހިދުމަތުން ދުރަށްޖެހިލި އެވެ. އެއީ ދެން އިތުރަށް ބުރަ މަސައްކަތްކޮށްގެން އުޅޭނެ ހިތްވަރު އޭނާގެ މުލައްދަނޑީގައި ނެތުމުންނެވެ. 

"ރިޓަޔާ ވީއިރު އިން ދުވަސްކޮޅެއް 65 އަހަރު ފުރެން. އެކަމަކު ދެން އަބްދުﷲ [އޭނާގެ ހަވަނަ ދަރިފުޅު] ކައިރީ ބުނެފިން. މަންމަ އަކަށް މިހާރު މި އަތުން ބަރު އެއްޗިއްހި އުފުއްލައި ނުހެދެޔޭ. އެހެންވުމާ ހިނގާށޭ ރިޓަޔާ ވާން. ދެން އެޔޮ ލައްވައި ސިޓީ ލިޔެގެން ރިޓަޔާވު،" ހައްވައިދީ ބުންޏެވެ. 

"އާލީ ރިޓަޔަމެންޓް"ގައި ހައްވައިދީ ވަޒީފާއިން ރިޓަޔާ ކުރި އެވެ. ވަފާތެރިކަމާ އެކު ސަރުކާރަށް ހިދުމަތްކުރި މި ހިދުމަތްތެރިޔާ އަށް، އެ ހިދުމަތުގެ ޕެންޝަނު ފައިސާއެއް ނުލިބެ އެވެ. އޭނާ ވަޒީފާއިން ވަކިވިތާ ވެސް ހައެއްކަ އަހަރު ވެއްޖެ އެވެ. 

"ފަސްދޮޅަށް ފަސް އަހަރުވީ މީހުންނަށް ލިބޭ 5،000ރ. ފިޔައި އިތުރު އެއްޗެއް ނުލިބޭ. އެ ފައިސާ ހޯދަން ޕެންޝަނަށް [ޕެންޝަން އޮފީހަށް] ސިޓީ ވެސް ފޮނުވިން. އެކަމަކު އެ ފައިސާ ވެސް ނުލިބޭ. އެ ސިޓީ އަށް ވެސް ޖަވާބެއް ވެސް ނުލިބޭ. އަބްދުﷲ އެ ސިޓީ އެތަނަށް ގެންގޮސްލު" ހައްވައި ދީ ބުންޏެވެ.

ހައްވައިދީގެ ދަރިފުޅު އަބްދުﷲ ރަޝީދު ބުނީ، ޕެންޝަން އޮފީހަށް އޭނާގެ މަންމަގެ އެ ސިޓީ ލާން ދިއުމުން ބަލައިގަތްކަމުގެ ރިސިޓް ނަންބަރެއް ދިން ކަމަށެވެ. އެކަމަކު ސިޓީ މިހާތަނަށް ވެސް އެއްވެސް ޖަވާބެއް ވެސް ނުލިބޭ ކަމަށް މާލޭގައި ދިރިއުޅެމުންދާ އަބްދުﷲ ރަޝީދު ބުންޏެވެ. 

ހައްވައިދީ މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ މައިންބައިންގެ ގޯތިން އޭނާ އަށް ލިބުނު ގޭގަ އެވެ. އެވެ. ޖުމުލަ 13 ކުދިންގެ މާމަ އަށް މިހާރު އޮތް އެންމެ ބޮޑު އުފަލަކީ އޭނާގެ އުފަން ދަރިންނާއި މާމަ ދަރިންނާ އެކު ހިތްހަމަޖެހިލައިގެން ރަށުގައި ވަގުތު ހޭދަ ކުރެވޭތީ އެވެ.

ބުރަ މަސައްކަތްކޮށްގެން ވާން ޖެހުނު ގުރުބާނީގެ މި ދުނިޔެމަތީގެ އުފަލަކީ އޭނާ ދެކޭ ގޮތުގައި އެ އާއިލާ އެވެ.