އަދާލަތު ޕާޓީގެ ރައީސް ކަމަށް އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހު މުހައްމަދު ޝިފާން އަދި އާންމު މެމްބަރެއް ކަމަށްވާ އިކްރާމް އަބްދުއްސައްތާރު ކުރިމަތިލައްވައިފި އެވެ.
އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތު އިއްޔެ ހަމަވިއިރު، ލިބުނީ އެ ދެ ބޭފުޅުންގެ ނަން އެކަނި ކަމަށް އަދާލަތު ޕާޓީން މިރޭ ބުންޏެވެ.
ރާއްޖޭގައި އުފެއްދި ދެވަނަ ޕާޓީގެ ޝަރަފު އޮތް އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އޭނާ އެ މަގާމު ދެ އަހަރު ފުރުއްވާފައިވާއިރު، ޕާޓީގެ ގަވާއިދު އޮންނަ ގޮތުން ވިދިވިދިގެން ދެ އަހަރު ރައީސް ކަމަށް އެއް ބޭފުޅަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވި ޝިފާނަކީ މަދީނާ ޔުނިވާސިޓީން ޝަރުއީ ދާއިރާ އިން ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ބިޒްނަސް ސްކޫލުން ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ހާސިލު ކުރައްވާފައިވެ އެވެ.
އަދާލަތު ޕާޓީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެވޭނީ އިއުލާނު ކުރި ތާރީހާ ހަމައަށް، އެ ޕާޓީގެ ރަޖިސްޓްރީގައި ތިބި މެންބަރުންނަށެވެ. އަދި އެ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، އެ ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި ދެ އަހަރު ދުވަހު އުޅެ، ޕާޓީގެ އުސޫލުތަކަށް ހޭނުން ހިމަނާފައި ވެ އެވެ.
އަދާލަތު ޕާޓީން ބުނެފައިވާ ގޮތުގައި އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ނަމަ މި މަހުގެ 31 ގައި ސިއްރު ވޯޓެއް ނަގާނެ އެވެ. އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް މެދުވެރިކޮށް އެ ވޯޓު ނަގަން ވަނީ ނިންމައިފަ އެވެ.