04 އެޕްރީލް 2017 - 10:51

މޮސްކޯ (އެޕްރީލް 4) - ރަޝިޔާގެ ޕީޓާސްބާގުގެ ބިމުއަޑީ ރޭލް ސްޓޭޝަނުގައި އެއްޗެއް ގޮއްވާލައިގެން 11 މީހުން މަރާލި ޓެރަރިސްޓް ހަމަލާދީފައި ވަނީ މެދުތެރޭ އޭޝިއާގެ ގައުމަކަށް ނިސްބަތްވާ މީހެއް ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.

ރޭލް ސްޓޭޝަނުގައި ދިން ހަމަލާގައި ވަނީ 45 މީހުން ޒަޚަމްވެފަ އެވެ. އިންޓަފެކްސް އާއި ޓާސް ނިއުސް އެޖެންސީން ބުނީ ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ ކަމަށެވެ. ނަމަވެސް އެއީ ޖާނުންފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު މީހެއްކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ޕީޓާސްބާގުގައި މިހާރު ވަނީ ތިން ދުވަހުގެ ގައުމީ ހިތާމަ އިއުލާންކޮށްފަ އެވެ.
ސްޓޭޝަނުގައި ހަމަލާ ދިން އިރު ރައީސް ލަޑިމިއާ ޕުޓިން އުޅުއްވީ އެ ސިޓީގަ އެވެ. ޕުޓިން ވަނީ ހަމަލާ ދިން ތަނަށް ވަޑައިގެން، މަރުވި މީހުންގެ ހަނދާނުގައި މާބޮނޑިއެއް ބާއްވަވައިފަ އެވެ.
ރަޝިޔާގެ ތަހުގީގު ކުރާ ފަރާތްތަކުން ބުނެފައި ވަނީ ޕީޓާސްބާގުގައި ދީފައި ވަނީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ. އެއްވެސް ބަޔަކު މި ހަމަލާގެ ޒިންމާ އުފުލައިފައެއް ނުވެ އެވެ. ބޮޑު ވަޒީރު ދިމިތުރީ މެޑްވެޑޭވް ވެސް ފޭސްބުކްގައި ލިޔުއްވާފައި ވަނީ ރޭލް ސްޓޭޝަނުގައި ދިނީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.
އިންޓަފެކްސް އިން ބުނީ ހަމަލާ ދީފައި ވަނީ މެދުތެރޭ އޭޝިއާގެ ގައުމަކަށް ނިސްބަތްވާ 23 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ހަރުކަށި ވިސްނުމުގެ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ. ހަމަލާގައި އެމީހާ ވަނީ މަރުވެފަ އެވެ. ރަޝިޔާގެ ޓްރާންސްޕޯޓް ނިޒާމުގައި މީގެ ކުރިން ދިން ހަމަލާތަކުގެ ތުހުމަތު ވަނީ ޗެޗެނިޔާގެ ހަނގުރާމަވެރިންގެ މައްޗަށް ކޮށްފަ އެވެ. ސީރިއާގެ ހަނގުރާމައިގައި ރަޝިޔާގެ 7،000 މީހުން ބައިވެރިވެފައިވާ ކަމަށްވެ އެވެ.
ދުވާލަކު ދެ މިލިއަން ޕަސިންޖަރުން ބޭނުން ކުރާ ޕީޓާސްބާގު މެޓްރޯ ސިސްޓަމަށް މީގެ ކުރިން ހަމަލާދީފައެއް ނުވެ އެވެ. މޮސްކޯގެ މެޓްރޯ އަށް 2010 ވަނަ އަހަރު ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 38 މީހުން ވަނީ މަރުވެފަ އެވެ. އޭގެ އަހަރެއް ފަހުން މޮސްކޯ- ޕީޓާސްބާގު ހައި-ސްޕީޑް ރޭލެއްގައި ބޮމެއް ގޮއްވާލުމުން 27 މީހުން މަރުވެ 130 މީހުން ވަނީ ޒަޚަމްވެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރައީސް ޕުޓިން އަށް ފޯނުން ގުޅުއްވާ ހަމަލާ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެހީވާނެ ކަމަށް ވިދާޅުވެފަ އެވެ.