04 އެޕްރީލް 2017 - 11:15

މިއުނިކް (އޭޕްރިލް 4) - ބޭނުންވަނީ ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅެން ކަަމަށް ބޮރޫޝިއާ ޑޯޓްމަންޑުގެ ތުރުކީގެ ޒުވާން ތަރި އެމްރޭ މޯ ބުނެފި އެވެ.

ޑެންމާކްގެ އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅުމަށް ފަހު އެމްރޯ މޯ ތުރުކީ ގައުމީ ޓީމަށް ކުޅެން ނިންމީ މިދިޔަ އަހަރު އެވެ. އޭނާ ވަނީ މިދިޔަ އަހަރު ފްރާންސްގައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތުުރުކީ އަށް ކުޅެފަ އެވެ.
ޑެންމާކްގެ ނޮސްޖައެލަންޑް ދޫކޮށް އެމްރޯ މޯ ޑޯޓްމަންޑަަށް ސޮއިކުރީ 2015 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް މޮޅު ކުޅުމެއް ދެއްކި އެމްރޭ މޯ އަށް ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކުން ވަނީ ގިނަ ހުށަހެޅުންތަކެއް ލިބިފަ އެވެ.
"އަަހަރެން ބޭނުންވަނީ ރެއާލް މެޑްރިޑަށް ކުޅެން. ތަރިއަކަށްވާން އަހަރެން ބޭނުން. ރެއާލަށް ކުޅުމަކީ އަހަރެންގެ ހުވަފެނެއް. ބާސެލޯނާ އަށް ކުޅެވޭފަދަ ހުނަރު އަހަރެންގެ އެބަހުރި. އެކަމަކު އަހަރެން އަބަދުވެސް ޝައުގުވެރިވަނީ ރެއާލަށް،" އެމްރޭ މޯ ބުންޏެވެ.
ޔޫރަޕްގެ ގިނަ ކްލަބްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އައި ނަމަވެސް މި ވަގުތަށް އެންމެ ބޭނުމީ ޑޯޓްމަންޑްގައި މަޑުކުރުން ކަމަށް އެމްރޭ މޯ ވަނީ ބުނެފަ އެވެ.
"ޑޯޓްމަންޑަކީ ޒުވާން ކުޅުންތެރިންނަށް އެންމެ ރަނގަޅު ކްލަބް. ވަކި ހިސާބަކުން އެބަޖެހޭ ކެރިއަރުގައި ކުރިއަށްދާން އަނެއް ލެވެލްގެ ކްލަބަކަށް ބަދަލުވާން. އެ ހިސާބަށް ދާއިރު ދެން އޮތް ކްލަބެއް ކަނޑައަޅާނަން،" އޭނާ ބުންޏެވެ.
ޑޯޓްމަންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ތުރުކީގެ ކުރީގެ ތަރިން ކަމަށްވާ ނިހާތު ކަވޭޗީ އާއި ހަކަން ސުކޫރް ފަދަ ތަފާތު ކުޅުންތެރިއަކަށް އެމްރޭ މޯ އަށް ވެވޭނެ ކަމަށެވެ.