04 އެޕްރީލް 2017 - 06:30

އިންޓަނެޓަށް ވަންނަން މިހާރު އެންމެ ގިނައިން ބޭނުންކުރަނީ އެންޑްރޮއިޑް ޑިވައިސްތަކެވެ. ގަބޫލުކުރަން ދަތި ނަމަވެސް، ހަގީގަތަކީ މިއީ އެވެ. އެހެން އޮޕަރޭޓިން ސިސްޓަމަކަށް އޮތް ލޯތްބެއްގެ ބޮޑުކަމުން، މި ކަން ގަބޫލުކުރަން އުނދަގޫ ނަމަ، ހިތްހަމަޖެހޭ ގޮތަކަށް ވެސް ބުނެދީފާނަމެވެ.
އިންޓަނެޓް ބްރައުޒްކުރަން މީހުން އެންމެ ގިނައިން ބޭނުންކުރަނީ ކޮން ކަހަލަ އަދި ކޮން ވައްތަރެއްގެ ޑިވައިސްތަކެއްތޯ ބަލަން ކުރި މަސައްކަތްތަކުން ނިކުތް ނަތީޖާއަކީ މި އެވެ.
އެންމެ ގިނައިން ބޭނުންކުރަނީ އެންޑްރޮއިޑް ޑިވައިސްތަކެވެ. އޭގެ ތެރޭގައި، އެންޑްރޮއިޑް ފޯން، އެންޑްރޮއިޑް ޓެބްލެޓް އަދި އެ ނޫނަސް އެންޑްރޮއިޑުން ހިންގާ ހުރިހާ އާލާތްތަކެއް ހިމެނެ އެވެ.
އިންޓަނެޓަށް ވަންނަން އެންމެ ގިނަ މީހުން ބޭނުންކުރަނީ ކޮން އޮޕަރޭޓިން ސިސްޓަމަކުން ހިންގާ ކޮމްޕިއުޓަރެއްތޯ ވެސް ބެލި އެވެ. އެއީ ވިންޑޯޒް އެވެ.
އެންޑްރޮއިޑަކީ މިހާރު އެންމެ ގިނަ ޑިވައިސްތަކުގައި ބޭނުންކުރެވޭ އޮޕަރޭޓިން ސިސްޓަމެވެ. އެކަމަކު އެންމެ ގިނަ ޑެސްކްޓޮޕް ކޮމްޕިއުޓަރުގައި އަދި ވެސް ބޭނުންކުރަނީ ވިންޑޯޒް އެވެ. ކައިރި މުސްތަގުބަލެއްގައި މި ނޫން ގޮތަކަށް ނަތީޖާ ބަދަލުވާނެ ކަމަކަށް ނުބެލެވެ އެވެ.
ވިންޑޯޒް އަކީ އެއް ޒަމާނެއްގައި އެންމެ ގިނަ ޑިވައިސްތަކުގައި ބޭނުންކުރި އޮޕަރޭޓިން ސިސްޓަމެވެ. އިންޓަނެޓަށް ވަނުމަށް ވެސް އެންމެ ގިނައިން ބޭނުންކުރީ ވިންޑޯޒް އެވެ. އެކަމަކު އެކަން ދެން މާޒީވީ އެވެ. ރެކޯޑަށް ޓަކައި އެކަން ހަނދާނުގައި ބަހައްޓާލާށެވެ.