04 އެޕްރީލް 2017 - 09:12

މާލޭގައި ކުރިއަށްދިޔަ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ނަތީޖާތަށް ދަށްވި ނަމަވެސް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް މުހައްމަދު ޝަރަފް ބުނެފި އެވެ.
ބަންގްލަދޭޝްގައި މިދިޔަ ޑިސެމްބަރު މަހު އޮތް މުބާރާތުން ސްރީ ލަންކާ ގައުމީ ޓީމުގެ ކުރީގެ ކޯޗު ސިސިރާ ކުމާރް ވެންޑަކޫންގެ އިރުޝާދުގެ ދަށުން ރާއްޖެ ވަނީ ތިން ވަނަ ހޯދައިފަ އެވެ. އެ މުބާރާތަށް ފަހު ވެންޑަކޫން ވަނީ މަގާމުން ވަކިކޮށްފަ އެވެ. މާލޭގައި މިދިޔަ މަހު މާލޭގައި އޮތް މުބާރާތުން ރާއްޖެ ދިޔައީ އެންމެ ފުލަށެވެ. ހަތަރު ޓީމު ބައިވެރިވި މި މުބާރާތް ރާއްޖެ ނިންމާލީ މެޗަކުން މޮޅުނުވެ އެވެ.
"ގައުމީ ޓީމުގެ ނަތީޖާ ވޮލީބޯޅަ އެސޯސިއޭޝަނުން މިދަނީ ދިރާސާ ކުރަމުން. އެއީ ކޯޗުގެ މައްސަލައެއްތޯ ކުޅުންތެރިންގެ މައްސަލައެއްތޯ ދިރާސާކުރަމުން މިދަނީ. ހާލަތުގެ މައްސަލައެއްތޯ. އެ ހުރިހާ ކަމެއް ބަލަމުން މިދަނީ. އަޅުގަނޑު މިހުރީ އިސްތިއުފާ ދީފައި އެނބުރި ގެއަށް ދާގޮތަކަށެއް ނޫން. އަޅުގަނޑު ގަބޫލުކުރަނީ އިސްތިއުފާ ދިނުމަށް ވުރެ މުހިއްމީ ވެދިޔަ ކަންތައްތަކުން ފިލާވަޅު ލިބިގެން ކުރިއަށް ދިއުން،" ޝަރަފް ބުންޏެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންނަށް ބައެއް މަސްމަހުގެ މުސާރަ ނުދޭތީ އާއި ފުރިހަމަ ކޮށްދޭން ޖެހޭ ކަންތައްތައް ފުރިހަމަކޮށްނުދެތީ ކުޅުންތެރިންގެ މެދުގައި ވެސް ވަނީ ހިތްހަމަ ނުޖެހުންތަކެއް އުފެދިފަ އެވެ. ޝަރަފް ބުނީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަހު ޓީމު އަލުން އެކުލަވާލާނެ ކަމަށެވެ.
"ކޮމިޓީއެއްގެ ތެރެއިން ކަންތައްތައް ބަލަމުން މިދަނީ. މިކަން ކުރާއިރު އަޅަން ޖެހޭ ފިޔަވަޅެއް އޮވެއްޖެ ނަމަ އެ ފިޔަވަޅު އަޅައި ވަރަށް އަވަހަށް ގައުމީ ޓީމުގެ އެކުލަވާލާނަން. އަދި ޕްރެކްޓިސް ވެސް ވަރަށް އަވަހަށް ފަށާނަން،" ޝަރަފް ބުންޏެވެ.
ދުރު މުސްތަގުބަލުގައި ކުޅުންތެރިން އުފައްދާއިރު ވިސްނަން ޖެހޭ އެންމެ މުހިއްމު ކަމަކީ ހުނަރުވެރި ކުޅުންތެރިން ރަނގަޅު އެތުލީޓުންގެ ގޮތުގައި އުފެއްދުމަށް ކަމަށް ޝަރަފް ވަނީ ފާހަގަކޮށްފަ އެވެ.
"ވޮލީބޯޅަ އެސޯސިއޭޝަނުން ފިޔަވަޅު އަޅަންޖެހޭ މިންގަނޑުތަކެއް ހަނދަން އެބަޖެހޭ. މިހާރަށް ވުރެ ފުޅާދާއިރާއެއްގައި އެބަޖެހޭ ކުޅުންތެރިން ރަނގަޅު އެތުލީޓުންނަށް ހަނދަން ޖެހޭ ގޮތްތަކެއް ހޯދަން. މުސްތަގުބަލުގައި ކަމެއް ހާސިލްކުރަން ބޭނުންވާނަމަ އެބަޖެހޭ މިހުރިހާ ކަމެއް ރަނގަޅުކުރަން،" ޝަރަފް ބުންޏެވެ.