ވީއޭއެމްގެ ނައިބު ރައީސް އިއްޒަތު މަގާމުން ވަކިކޮށްފި
ވީއޭއެމްގެ ނައިބު ރައީސް އިއްޒަތު މަގާމުން ވަކިކޮށްފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނައިބު ރައީސްގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި އެވެ.

ވީއޭއެމުން ބުނީ ރޭ ބޭއްވި އެ އެސޯސިއޭޝަންގެ އާންމު ޖަލްސާގައި އިއްޒަތު ވަކިކުރުމަށް ފާސްވީ ޖަލްސާ އަށް ހާޒިރުވެތިބި ވޯޓުލެވޭ މެންބަރުންގެ ފުރިހަމަ އަގުލަބިއްޔަތާ އެކުގައި ކަމަށެވެ.

"އެސޯސިއޭޝަންގެ ނައިބު ރައީސް އިއްޒަތު ވަހީދު ވަނީ މަގާމުން ވަކިކޮށްފައި. ރޭ ބޭއްވި އާންމު ޖަލްސާގައި އެސޯސިއޭޝަންގެ ފުރިހަމަ މެންބަރު ތިން ކްލަބްގެ ތެރެއިން ދެ ކްލަބް ހާޒިރުވި. އިއްޒަތު ވަކިކުރީ ފުރިހަމަ އަގުލަބިއްޔަތާ އެކު،" ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވީއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު އަދި ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ވިދާޅުވި އެވެ.

އިއްޒަތަކީ މިދިޔަ އަހަރު ވީއޭއެމްގެ އިންތިހާބު މިހާރުގެ ރައީސް ލަތީފަށް ކާމިޔާބު ކޮށްދިނުމަށް އެންމެ އިސްކޮށް އުޅުނު އެއް ފަރާތެވެ. އެހެން ނަމަވެސް ފާއިތުވި ތިން މަހެއްހާ ދުވަހު އެސޯސިއޭޝަނާ އިއްޒަތާ ދެމެދު ގުޅުން ވަނީ ގޯސްވެފަ އެވެ.

މިދިޔަ މަހު ރާއްޖޭގައި ބޭއްވި އޭވީސީ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތް އެންމެ ފުރިހަމަ އަށް ބޭއްވުމަށް ގޮންޖެހުންތަކެއް ދިމާވި ކަމަށާއި އެ މުބާރާތް ކާމިޔާބުކަމާ އެކު ބޭއްވިޔަ ނުދިނުމަށް އިއްޒަތާއި އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒު މަސައްކަތް ކުރެއްވި ކަމަށް ޝަރަފް ވަނީ ތުހުމަތުކޮށްފަ އެވެ.

"އަޅުގަނޑުމެން އުއްމީދުކުރީ މަދުވެގެން ހަ ގައުމު ބައިވެރިވާނެ ކަމަށް. އެކަމަކު އަފްގާނިސްތާނާއި ބަންގްލަދޭޝް މި މުބާރާތުގައި ބައިވެރިނުވުމުން މުބާރާތް ފުރިހަމައެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އޭވީސީ މުބާރާތަށް ރާއްޖޭން ވަރަށް ރަނގަޅަށް ތައްޔާރުވަމުން ދަނިކޮށް މުބާރާތް ބޭއްވިދާނެތޯ ސުވާލު އުފެދުމުން އޭގެ އުނދަގޫތަކެއް ކުރިމަތިވި ކަމަށް ޝަރަފް ވަނީ ވިދާޅުވެފަ އެވެ.

"މި ކަންކަމުގެ ސަބަބުން ގައުމީ ޓީމުގެ ކުޅުމަށް މިކަމުގެ ސަބަބުން އަސަރެއް ނުކުރެޔެކޭ އަޅުގަނޑު ނުދަންނަވާނަން. އޭވީސީ މުބާރާތަށް އަޅުގަނޑުމެން ތައްޔާރުވުމަށް ތައިލެންޑް ޓްރެއިނިން ކޭމްޕްގައި ތިބިއިރު މި މުބާރާތް ބޭއްވިދާނެތޯ ވެސް ސުވާލު އުފެދޭ ހިސާބަށް ދިޔަ،" ޝަރަފް ވިދާޅުވި އެވެ.

ކުރީގެ ރައީސް ރިޔާޒަކީ އޭވީސީގެ މެމްބަރެކެވެ. ޝަރަފް ވިދާޅުވީ ރިޔާޒަށް ދެމުން އައި ސަޕޯޓް އަނބުރާ ގެނައުމަށް ފަހު އެ ގޮނޑި މިހާރުގެ ރައީސް ލަތީފަށް ދެއްވުމަށް އޭވީސީގައި އެދިފައިވާ ކަމަށެވެ.