ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ގާނޫނަށް އަމަލުކުރަން މިއަދު ފަށައިފި އެވެ.

މިދިޔަ ޑިސެމްބަރު ތިންވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ޒަކާތުގެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ އެ މަހުގެ ހަ ވަނަ ދުވަހު އެވެ. ޒަކާތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ އަށް އަމަލުކުރާނީ ޖެނުއަރީ 1، 2026 އިން ފެށިގެންނެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ރައީސް މިއަދު ވަނީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް ކަނޑައަޅުއްވައި އެ އިދާރާ އަލުން އުފައްދަވައިފަ އެވެ.

ސަރުކާރުން ބުނެފައިވަނީ ޒަކާތުގެ ގާނޫނުގެ މަގުސަދަކީ އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގުސަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ، ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުން ކަމަށެވެ.

އެ ގާނޫނަށް އަަމަލުކުރަން ފެށުމުން ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާ ބެހޭ ގައުމީ ސިޔާސަތު ދެން ކަނޑައަޅާނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތާ ގުޅޭ ސިޔާސަތުތައް އާންމުކޮށް، އެ ސިޔާސަތުތަކާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އާންމު އިރުޝާދާއި ލަފާދިނުން ހިމެނެ އެވެ.

އެ ގާނޫނުގައިވާ ގޮތުން އެ ފަރާތެއްގެ މުދާ ހުރީ ރާއްޖޭގައި ކަމަށް ވިޔަސް ނުވަތަ ރާއްޖެއިން ބޭރުގައި ނަމަވެސް ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ މީހަކާއި ރާއްޖޭގައި ވަޒަންވެރި ވެގެން ނޫޅުނަސް ރާއްޖޭގައި މުދާ ހުރި ނަމަ ޒަކާތް ދައްކަން ޖެހޭނެ އެވެ.

ޒަކާތު ނިޒާމު ހިންގާ ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާދީ އަދި އެ ނިޒާމު ހިންގުން ވިލަރެސްކުރުމަށް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލުގެ ނަމުގައި ކައުންސިލެއް ރައީސް އުފައްދަވަން ޖެހެ އެވެ. އެ ކައުންސިލުގައި މިނިސްޓަރާއި ޑިރެކްޓަ ޖެނަރަލް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ މުވައްޒަފަކު ހުންނަން ޖެހެ އެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ބޭފުޅަކާއި ފިނޭންސް މިނިސްޓްރީން އިސް ބޭފުޅަކާއި ފަތުވާ މަޖިލީހުން ބޭފުޅަކާއި އިސްލާމިކް މިނިސްޓްރީން ބޭފުޅަކާއި ސަރުކާރުގެ އިދާރާއެއްގައި މަސައްކަތް ނުކުރާ ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސް އައްޔަންކުރައްވާ ދެ ބޭފުޅަކު ވެސް އެ ކައުންސިލްގައި ތިއްބަވަންޖެހޭ ކަމަށް ގާނޫނުގައި ވެ އެވެ.

ޒަކާތުގެ ގާނޫނުގައިވާ ގޮތުން ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަން ޖެހެ އެވެ. އެ ކޮމިޓީގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ޒަކާތު ހައުސްއާ އެވެ. އަދި ޒަކާތު ފަންޑު ހިންގާނެ ގޮތާއި ފަންޑުން ކުރެވޭނެ ކަންކަން ވެސް ބަޔާންކޮށްފައިވެ އެވެ.

ޒަކާތުގެ ބެހެނިވެރިއަކަށް ނުވާ މީހުންނަށް ޒަކާތުގެ ފައިސާ ދޫކުރުމާއި ހުއްދަ ކުރާ ބޭނުންތަކަށް ފިޔަވައި އިތުރު ކަމަކަށް އެ ފައިސާއިން އިންވެސްޓްކޮށްފި ނަމަ 1،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ގާނޫނުގައި ކަނޑައަޅާފައި ވެ އެވެ.