ސިޔާސީ ޕާޓީތަކުން މިއަދުން ފެށިގެން ވަގުތުން ވަކިވެވޭނެ
ސިޔާސީ ޕާޓީތަކުން މިއަދުން ފެށިގެން ވަގުތުން ވަކިވެވޭނެ

ސިޔާސީ ޕާޓީތަކުގެ އާންމު މެމްބަރުންނަށް މިއަދުން ފެށިގެން އެ ޕާޓީއަކުން ވަގުތުން ވަކިވެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަންގެ އިސް ވެރިއަކު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގައި މަސްއޫލިއްޔަތު އަދާކުރާ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ފިޔަވައި އާންމު މެމްބަރުން އެ ޕާޓީތަކުން ވަކިވާން ބޭނުންވެގެން އީސީގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން ވަގުތުން ވަކިވެވޭނެ ކަމަށެވެ.

"ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތަށް ޕާޓީތަކުގެ އިސް މަގާމުތައް ހޮވާފައިވާ މެމްބަރުންނާއި މަޖިލިސް މެމްބަރުން ފިޔަވައި އެހެން ހުރިހާ އެންމެންނަށް މިހާރު އެ ފުރުސަތު އޮންނާނެ. އިތުރު އެއްވެސް ޕްރޮސެސްއެއް ނެތި އާންމު މެމްބަރުންނަށް މިހާރު ވަގުތުން ޕާޓީތަކުން ވަކިވެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއަކުން ވަކިވާން ބޭނުން ނަމަ ހުށަހަޅަން ޖެހެނީ އީސީގެ ޕޯޓަލް my.elections.gov.mv އަށެވެ.

ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ނުވަތަ ގާނޫނުގައިވާ ގޮތަށް އެ ޕާޓީއެއްގެ އިސް މަގާމެއް ފުރުއްވާ ބޭފުޅަކު ޕާޓީން ވަކިވެވަޑައިގަތުމަށް އެދިވަޑައިގެންފި ނަމަ އީސީގެ ޕޯޓަލް މެދުވެރިކޮށް އެ ކޮމިޝަނަށް އެލާޓު އަންނާނެ އެވެ. އެފަދަ ބޭފުޅުންނަށް ޕާޓީތަކުން ވަކިވެވަޑައިގެންނެވޭނީ އީސީން ބުނި ގޮތުގައި އެ ކޮމިޝަނުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެވެ.

"އެންޓި ޑިފެކްޝަންގެ ގާނޫނުގެ ދަށުން އަޅުގަނޑުމެން ތިބޭނެ ބްލެކްލިސްޓް ކޮށްފައި ތިބޭ ބޭފުޅުން [ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ މީހުންނާއި މަޖިލިސް މެމްބަރުން]. އެ ހުރިހާ އެންމެން އަޅުގަނޑުމެންގެ ސިސްޓަމުން އެނގެން ހުރޭ މިހާރު،" އީސީގެ ނައިބު ރައީސް ސޮލާހު ރަޝީދު ކުރިން ވިދާޅުވެފައި ވެ އެވެ.

ޕާޓީތަކުން މިހާތަނަށް ވަކިކޮށްދެނީ އީސީގެ ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދޭތާ 14 ދުވަސް ތެރޭގަ އެވެ.

އީސީގެ ދަފްތަރުގައި މިވަގުތު ނުވަ ޕާޓީ ރަޖިސްޓަރީ ކޮށްފައިވާއިރު 158،044 މެމްބަރުން އެ ޕާޓީތަކުގައި އެބަތިއްބެވެ.