31 ޑިސެމްބަރ 2025 - 23:39

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރެއިން މިހާރަށް ވުރެ ފަހި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ބޭއްވެވި ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ވަނީ ސަރުކާރުގެ މަޝްރޫއުތައް ބީލަމަށް ހުޅުވާލާއިރު ބޮޑެތި ކުންފުނިތަކާ ވާދަކުރަންޖެހޭތީ، ކުދި ވިޔަފާރިތަކަށް ފުރުސަތު ގެއްލޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ތަފާތު އެކި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން ދައުލަތުގެ އޮފީސްތަކުން އާއްމުކޮށް އިއުލާންކޮށްގެން ކުރިއަށް ގެންދާ ބީލަންތަކުގެ ތެރެއިން، ޖުމްލަ އަގުގެ ގޮތުން ވަކި އަދަދަކަށް ވުރެ ކުޑަ ބީލަންތަކަކީ ހަމައެކަނި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބީލަންތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރާ ކަމަށް ބުންޏެވެ.
"މި ބަދަލު ގެނައުމަށް މަޝްވަރާކުރަންޖެހޭ ދައުލަތުގެ އިދާރާތަކާ މަޝްވަރާކުރުމާއި، ގާނޫނާއި ގަވާއިދު އަދި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތްތައް މި މިނިސްޓްރީން ކުރަމުން އަންނަކަމުގައި ދަންނަވެމެވެ،" އެ ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން، މިނިސްޓްރީން ބުނި ގޮތުގައި، ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ބީލަންތަކުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލައި، ޕްރޮކިއުމަންޓުގެ މަރުހަލާތައް މިހާރަށް ވުރެ ލުއި ފަސޭހަކޮށްދިނުމާއި ޕްރޮކިއުމަންޓުގެ ނިޒާމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުވާނެ ގޮތަށް އެ ނިޒާމު ބައްޓަންކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.
އަދި، ކުދި އަދިމެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ހާއްސަ އިސްކަމެއްދީގެން ކުރެވޭ ކަންތައްތަކުގެ ތެރޭގައި އެ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި، މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ސެޓުލް ކުރާނެ ފަސޭހަ ގޮތެއް މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ މަޝްވަރާކޮށް ހަމަޖެއްސުމުގެ މަސައްކަތް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭ ހިދުމަތްތަކާއި ފީތައް ވީ އެންމެ ކުޑަކޮށްދެވޭނެ ގޮތްތައް ހޯދައި، އެ ވިޔަފާރިތަކުން ޑޮލަރުން ދައްކަމުންދާ ފީތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް ވީ އެންމެ އަވަހަށް މި ބަދަލު ތަންފީޒުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ދެއްކުމަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި ދެ އަހަރުގެ ގޮތުގައި ކަނޑައަޅައި، އެ ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ކެބިނެޓުން ނިންމައި، ރައީސް ވަނީ އިއުލާނުކުރައްވައިފަ އެވެ.
ހާއްސަކޮށް، ރައީސާއެކި ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ހިއްސާކުރި ކަންބޮޑުވުންތައް ހައްލުކުރުމަށް މިހާރު ވެސް ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ.