31 ޑިސެމްބަރ 2025 - 23:21

ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހާއްސަ އުޅަނދުތަކަށް ޑިޔުޓީ މާފުކޮށްދީގެން ރާއްޖެއަށް އެތެރެކުރުމަށް ފަހު،، އަނބުރާ ނުގެންގޮސް، އެ އުޅަނދުތައް އެހެންކަންކަމުގައި ވިޔަފާރި އުސޫލުން ބޭނުންކުރުން މާދަމާއިން ފެށިގެން ހުއްޓުވާނެކަމުގެ އިންޒާރު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިރޭ ދީފި އެވެ.
މިދިޔަ މަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި، ބައެއް ވިޔަފާރިވެރިން ވަނީ، މަޝްރޫއުތަކަށް، ޑިޔުޓީ މާފުކޮށްދީގެން އެތެރެކުރާ އުޅަނދުތަކަކީ އެ މަޝްރޫއެއް ނިމުމުން އަނބުރާ ގެންދަންޖެހޭ އުޅަނދުތަކެއް ކަމަށްވިޔަސް، އެ އުޅަނދުތައް އަނބުރާ ނުގެންގޮސް، އެކި ފަރާތްތަކަށް ކުއްޔަށްދޭ ކަންބޮޑުވުން ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ހިއްސާކޮށްފަ އެވެ.
އެކަމާ ގުޅިގެން، އެ ވިޔަފާރި ކުރާ ދިވެހި ކުންފުނިތަކަށް ވާދަވެރި މާހައުލެއްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ގެއްލޭކަމަށް ވިޔަފާރިވެރިން ބުންޏެވެ.
ކަސްޓަމްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ގަވާއިދާ ހިލާފަށް ބޭނުންކުރާ އެފަދަ އުޅަނދުތައް ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އަދި އެ އުޅަނދުތައް ކަސްޓަމްސްގެ ކޮންޓްރޯލް ދަށަށް ގެނެސް، އެ ފަރާތްތަކުގެ މައްސަލަ ބަލައ،ި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ޑިއުޓީ ނެގުމުގެ ކަންކަން މާދަމާއިން ފެށިގެން ކުރިއަށްދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.