17 މެއި 2016 - 10:53

ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫގައި އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކައިދޭނެ ބަޔަކު ހޯދަން ބިޑަށް ހުޅުވާލުމުން ހުށަހެޅި އަގުތައް ބޮޑުވެގެން، އަލުން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކުޅުދުއްފުއްޓާއި ފުނަދޫގެ ބިން ހިއްކައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 1،500ރ. ދައްކަން ޖެހެ އެވެ.
މިނިސްޓްރީން ބުނީ ކުޅުދުއްފުށީ އެއާޕޯޓް އަޅަން ބިން ހިއްކައި ދޭން އެދި ހުށަހަޅާ އިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 287،000ރ. އަދި ފުނަދޫ ބިން ހިއްކުމުގެ ބިޑް ސެކިއުރިޓީ އަށް 330،000ރ. ހުށަހަޅަން ޖެހޭ ކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެއާޕޯޓް އަޅަން ކުޅުދުއްފުއްޓާއި ފުނަދޫން ބިން ހިއްކައި ދޭން އެދި ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 29 ގަ އެވެ.