31 ޑިސެމްބަރ 2025 - 17:59

އެލައިޑް އިންޝުއަރެންސްއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް 'ކޯޕަރޭޓް ގްރޫޕް ހެލްތު އިންޝުއަރެންސް' ޕެކޭޖުތަކެއް ތައާރަފްކޮށްފި އެވެ.
މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް އެކަށީގެންވާ ފުރިހަމަ ކަވަރޭޖެއް ހޯދުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ތައާރަފްކުރި ޕެކޭޖެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެލައިޑުން ތައާރަފްކުރި ގްރޫޕް ހެލްތު ޕްލޭންތަކުގެ ދަށުން ކަވަރޭޖް ދޭ ކަންތައްތަކަކީ:
- އިންޕޭޝަންޓް ހިދުމަތްތައް: މީގައި ހިމެނެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދޭ ފަރުވާ، އޮޕަރޭޝަންތައް އަދި ބޮޑެތި ބަލިތަކަށް ކުރާ ފަރުވާތަކެވެ.
- އައުޓްޕޭޝަންޓް ހިދުމަތްތައް: މީގައި ހިމެނެނީ ޑޮކްޓަރަށް ދެއްކުމާއި ޓެސްޓުތައް ހެދުމާއި ބޭސްފަރުވާގެ ހަރަދާއި އޭނުން ވެސް އިތުރު ހިދުމަތްތަކަށް ހިނގާ ހަރަދުތަކެވެ.
މި ޕެކޭޖްތަކަކީ މެނޭޖްކުރަން ފަސޭހަ އަދި މުވައްޒަފުންގެ އަދަދަށް ބަލައި، ވިޔަފާރިއަށް އެންމެ އެކަށީގެންވާ ގޮތަށް ބަދަލު ގެނެވޭނެ ޕެކޭޖްތަކެކެވެ. މި ޕްލޭންތަކުގެ ދަށުން، "ޕާސަނަލް އެކްސިޑެންޓް ކަވަރޭޖް" ހިޔާރުކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އެ ޕެކޭޖުގެ ދަށުން އެކްސިޑެންޓެއްގެ ސަބަބުން މަރުވެއްޖެ ނަމަ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވުން ނުވަތަ ގުނަވަނެއް ދާއިމީކޮށް ގެއްލުމެއް ލިބިއްޖެ ނަމަ، އެކަމަށް ކަވަރެޖް ލިބޭނެ އެވެ. މިއީ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަފަދަ ކުއްލި ހާދިސާތަކުގައި މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކޮށްދޭނެ ޕެކޭޖެއް ކަމަށް އެލައިޑުން ބުންޏެވެ.
އެލައިޑުން ބުނީ މި ޕެކޭޖުތަކުގެ އެހީގައި މުވައްޒަފުންނަށް ބޭނުންވާ ރައްކާތެރިކަން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް މިހާރު ހޯދައި ދެވޭނެ ކަމަށެވެ.
އެލައިޑުގެ ޕެކޭޖުތަކުގެ މައުލޫމާތުތައް އެކުންފުނީގެ ވެބްސަައިޓާއި 1600 ނަމްބަރުން ލިބޭނެ އެވެ.