01 ޖެނުއަރީ 2026 - 00:35

ޕައިރޯ ޑްރޯން ޝޯއަކާއި ހަވާ އެރުވުމާ އެކު، ރާއްޖެއިން 2026 އަށް މަރުހަބާ ކިޔައިފި އެވެ.
އާ އަހަރު ފާހަގަކުރުމުގެ ހަރަކާތްތައް ވަނީ މިމަހުގެ 30 ގައި ފަށައިފަ އެވެ. މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގެ ނަމުގައި ސެންޓްރަލް ޕާކުގައި ފަށާފައިވާ އެ ހަރަކާތް މިއަދުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު ތަފާތު އެކި ކެއުންތައް ރަހަ ބަލާލުމަށް އެ ސަރަހައްދުގައި ސްޓޯލްތައް ބަހައްޓާފައި ހުއްޓެވެ.
އެ ހަރަކާތުގެ ތެރެއިން މިރޭ 9:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވަނީ ޑްރޯން ޝޯއެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތް 15 މިނެޓަށް ދެމިގެން ދިޔަ އެވެ.
ޑްރޯން ޝޯގައި ދައްކުވައިދިނީ ދިވެހި ކުޑަ ކުއްޖެއްގެ ވާހަކަ އެވެ. ދިވެހިވަންތަ އަދި ރާއްޖޭގެ ތަރައްގީއާ ވެސް ގުޅޭ އެ ވާހަކަ ކިޔައިދިނުމުގައި 75 ޕައިރޯޑްރޯންނާއި 600 ޑްރޯން ބޭނުންކޮށްފައިވެ އެވެ.
އޭގެ އިތުރުން ޝޯ އެއް ވެސް އެ ސަރަހައްދުގައި ކުރިއަށް ގެންދިޔައިރު ބޮޑުބެރުގެ ހަރަކާތްތައް ވެސް ފެނިގެންދިޔަ އެވެ. އަދި އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން 12 ޖެހުމާ އެކު ވަނީ ހަވާ އަރުވައިފަ އެވެ.
އެ ހަރަކާތްތައް ބަލާލުމަށް ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ސެންޓްރަލް ޕާކަށް ޖަމާވެފައި ތިއްބެވެ.
މިއަހަރުގެ އާ އަހަރު ކުލަ ގަދަކޮށް ވިޒިޓް މޯލްޑިވްސް އިން ފާހަގަކޮށްފައި ވަނީ ބީއެމްއެލް އާއި އެޗްޑީސީއާ ފަދަ ކުންފުނިތަކާ ގުޅިގެންނެވެ.