31 ޑިސެމްބަރ 2025 - 14:04

އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ "ފާސްޓެސްޓް 5ޖީ ނެޓްވޯކް" އާއި "'ބެސްޓް 5ޖީ ނެޓްވޯކް" އަދި "ބެސްޓް 5ޖީ ގޭމިން އެކްސްޕީރިއަންސް"ގެ އެވޯޑު ދިރާގަށް ލިބިއްޖެ އެވެ.
އެ ކުންފުނިން ބުނީ ކުއާޓާ 1 އަދި ކުއާޓާ 2 ގައި ލިބުނު މި ކާމިޔާބީން ދައްކުވައިދެނީ ދިރާގުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދޭން އަދި ޑިޖިޓަލް ރާއްޖެ ބިނާކުރަން ދިރާގުން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ. ދިރާގަކީ 2019 ވަނަ އަހަރު ސައުތު އޭޝިއާ އަދި ރާއްޖޭގައި 5ޖީ ހިދުމަތް ތައާރަފްކުރި ފުރަތަމަ ސާވިސް ޕްރޮވައިޑަރެވެ.
ދިރާގުން މިހާރު ވަނީ ރާއްޖޭގެ އާބާދީގެ 73 ޕަސެންޓަށް ދިރާގުގެ 5ޖީ ނެޓްވޯކް ފޯރުކޮށްދީފަ އެވެ.
ކަނެކްޓިވިޓީ އިންޓެލިޖެންސްގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ އޫކްލާއިން، ސްޕީޑްޓެސްޓް، ޑައުން ޑިޓެކްޓާ، އެކަހައު، އަދި ރޫޓްމެޓްރިކްސް މެދުވެރިކޮށް، ނެޓްވޯކް އަދި ކަނެކްޓިވިޓީއާ ބެހޭ ތަފާތު މައުލޫމާތު ފޯރުކޮށްދެ އެވެ. އެ މައުލޫމާތުތަކުގެ އެހީގައި، ނެޓްވޯކްގެ ޕާފޯމަންސް އިތުރަށް ވަރުގަދަ ކުރަން ބޭނުންވާ ކަންކަން ދެނެގަނެ، އަމަލީ ގޮތުން ބޭނުން ކުރެވޭ ފަދަ މައުލޫމާތުތަކަށް ބަދަލުކޮށްދެ އެވެ.
ދިރާގުން ވަނީ އޫކްލާއިން ދޭ "މޯލްޑިވްސް ފާސްޓަސްޓް މޯބައިލް ނެޓްވޯކް" ވިދިވިދިގެން ތިން އަހަރު ހޯދައި "ފާސްޓަސްޓް 5ޖީ ނެޓްވޯކް" ދެ އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުއި ނެޓްވޯކްގެ މަގާމު ވެސް ހޯދައިފަ އެވެ.
މުވާސަލާތީ ހިދުމަތްތަކާއި ޑިޖިޓަލް ސޮލިއުޝަންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ ކުރީގައި އޮތް ކުންފުނި ކަމުގައިވާ ދިރާގުން އަންނަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ތިބުމަށް ކަސްޓަމަރުން ބާރުވެރިކުރަން އެންމެ ފަހުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދެމުންނެވެ.