ޓައެކްވޮންޑޯ ތަރި ފާތުންއަށް ނޭޕާލްގައި ދެ ރަން މެޑަލް
ޓައެކްވޮންޑޯ ތަރި ފާތުންއަށް ނޭޕާލްގައި ދެ ރަން މެޑަލް

ރާއްޖޭގެ ޓައެކްވޮންޑޯ އެތުލީޓް ފާތިމަތު އިބްރާހިމް ނޭޕާލްގެ އިންޓަނޭޝަނަލް މުބާރާތުން ދެ ރަން މެޑަލް ހޯދައިފި އެވެ.

ނޭޕާލްގައި މި މަހު ބޭއްވި އިންޓަނޭޝަނަލް އޯޕަން ޗެމްޕިއަންޝިޕްގައި ފާތުން ވަނީ ޕޫމްސީ ކެޓަގަރީން އަދި އަންހެނުންގެ އަންޑާ 57 ކިލޯގްރާމް ކެޓަގަރީގެ ކިރުގީ (ފައިޓިން) އިވެންޓުން ވެސް ރަން މެޑަލް ހޯދައިފަ އެވެ. މި ކާމިޔާބާ އެކު އޭނާ ވަނީ އަންނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ އޯޕަން ޗެމްޕިއަންޝިޕްގެ އެ ގައުމުގެ ސީރީޒަށް ކޮލިފައި ވެފަ އެވެ.

ކަތަމަންޑޫގައި ބޭއްވި މުބާރާތުގައި 11 ގައުމަކުން 800 އަށް ވުރެ ގިނަ އެތުލީޓުން ޓައެކްވޮންޑޯގެ އެކި ކެޓަގަރީތަކުގައި ވާދަކުރި އެވެ.

މި އަހަރަކީ ފާތުންގެ ކެރިއާގައި ފާހަގަކޮށްލެވޭ އަހަރެކެވެ. އޮކްޓޯބަރު މަހު ޗައިނާގައި ބޭއްވި ޓައެކްވޮންޑޯ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ރާއްޖޭން ވާދަކުރި އެވެ. އެ ކުޅިވަރުގެ ދުނިޔޭގެ އެންމެ ބޮޑު ސްޓޭޖުގައި ދިވެހި ދިދަ ފުރަތަމަ ވިހުރުވާލި އެތުލީޓްގެ ޝަރފު ހޯދީ އުމުރުން 37 އަހަރުގެ ފާތުންނެވެ.

ފާތުން ވަނީ މަޑަގަސްކަރައިގައި 2023 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ތިން މެޑަލް ރާއްޖެ އަށް ހޯދައި ދީފަ އެވެ.

މާޝަލް އާޓްސްގެ ކުޅިވަރުގެ ފިޔަތަކުގެ ތެރެއިން ޓައެކޮވޮންޑޯ، ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އުމުރުން ހަގު އެއް އެސޯސިއޭޝަނެވެ. އެ ކުޅިވަރު ރާއްޖޭގައި ރަސްމީ ގޮތުން ފެށިތާ ވެސް އަދި ވީ ކުރު މުއްދަތެކެވެ. ޓައެކޮވޮންޑޯގެ ރާއްޖޭގެ އެއްވަނަ އަންހެން އެތުލީޓް ފާތުން ވެސް އެ ކުޅިވަރުގެ ތެރެއަށް ވަނީ 2019 ގަ އެވެ.