03 އެޕްރީލް 2017 - 15:24

ދުނިޔޭގެ އެންމެ ވަރުގަދަ އަދި އުނދަގޫ އެއް ކުޅިވަރު ރޭސް ކަމަށް ގިނަ ބަޔަކު އެއްބަސްވާ އަޔަންމޭން ޓްރައިތެލޯން ފުރިހަމަކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ރާއްޖެ ދުށް އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އިއްޔެ ހޯދައިފި އެވެ.
ދެކުނު އެފްރިކާގެ ނެލްސަން މަންޑޭލާ ބޭގައި އޮތް އަޔަންމޭން އެފްރިކަން ޗެމްޕިއަންޝިޕުގައި ކުޑަހުސެން ފެތުމާއި ދުވުން އަދި ބައިސިކަލް ދުއްވުމުގެ މި ބުރަ ރޭސް ފުރިހަމަކުރީ 15 ގަޑިއިރާއި 23:38 މިނެޓުންނެވެ. އެއްވެސް ބްރޭކެއް ނުނަގައި މި ތިން އިވެންޓް ފުލުފުލުގައި ފުރިހަމަކުރަން ޖެހެނީ އެންމެ ލަސްވެގެން 17 ގަޑިއިރުގެ ތެރޭގަ އެވެ. އެކަމަކު ކޮންމެ އިވެންޓެއް ނިންމަން ވެސް ވަކި ވަގުތެއް ދީފައި އޮންނާތީ އެމެޗުއާ (ޕްރޮފެޝަނަލް ނޫން) އެތުލީޓުންނަށް މި ރޭސް ފުރިހަމަކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.
ދުނިޔޭގައި އާއްމުންނަށް ބައިވެރިވެވޭ އެންމެ ބުރަ އެންމެ ވާދަވެރި އެއް ރޭހުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ރޭހުގެ 45-49 އުމުރުފުރާގައި ބައިވެރިވެ، 3.8 ކިލޯމީޓަރުގެ ފެތުމުގެ އިވެންޓް ކުޑަހުސެން ނިންމީ 1 ގަޑި 40:55 މިނެޓުންނެވެ. އޭނާ 180 ކިލޯމީޓަރުގެ ބައިސިކަލް ދުއްވުމުގެ އިވެންޓް 7 ގަޑިއިރާއި 36:07 މިނެޓުން ނިންމިއިރު 42.2 ކިލޯމީޓަރުގެ ދުވުން ފުރިހަމަކުރީ 5 ގަޑި 49:54 މިނެޓުންނެވެ.
"މި އިވެންޓުގައި ބައިވެރިވާ ފުރަތަމަ ދިވެއްސަށް ވުމަކީ 2006 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ އުއްމީދެއް. އެހެން ނަމަވެސް އެކިއެކި ގޮންޖެހުންތަކާ އެކު، ހާއްސަކޮށް ފައި ހަލާކުވެ ދެ ކަކޫ އޮޕަރޭޝަން ކުރަން ޖެހުމުން މި އިވެންޓްއަށް ތައްޔާރުނުވެވި، މި އުއްމީދު ޙާސިލް ނުވެވި ގިނަ ދުވަސްތަކެއް ކަޑައްތުކުރަން ޖެހުނު. މި ރޭސް ފުރިހަމަކުރެވުން އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ގަބޫލުކުރަން،" ކުޑަހުސެން ބުންޏެވެ.
އޭނާ ބުނީ މި އިވެންޓްގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ އެކި އުމުރުގެ ދިވެހިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހިތްވަރު ދިނުމާއި ކޮންމެ މީހަކު ވެސް ކުރަން ބޭނުންވާ ކަމެއް އިހުތިޔާރުކޮށް އެކަމެއް ހާސިލުކުރަން ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ ކާމިޔާބު ކުރެވޭނެކަން ސާބިތުކޮށްދޭން ކަމަށެވެ.
"އަދި އެކަމުގައި ކުރިމަތިވާ ކޮންމެ ގޮންޖެހުންތަކެއް ހުރަސްކުރެވޭނެ ކަން ސާބިތު ކޮށްދިނުން. މިކަމުގައި ބޭނުންވަނީ ވަރުގަދަ އަޒުމެއް. މިގޮތުން ދިވެހިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިމަގުގައި ވެސް މިފަދަ އިވެންޓްތަކުގައި ބައިވެރިވުމަކީ އަޅުގަނޑުގެ އުއްމީދެއް،" ކުޑަހުސެން ބުންޏެވެ.
އަށްޑިހައިގެ ފަހުކޮޅުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ގައުމީ ޓީމު ތަމްސީލްކުރި ކުޑަހުސެންގެ އަތުގައި ދާދި ފަހަކާ ޖެހެންދެން މެރެތަންގެ ގައުމީ ރެކޯޑް އޮތެވެ. ޕާކިސްތާނުގައި 1989 ވަނަ އަހަރު ބޭއްވި ސާފް ގޭމްސްގައި އޭނާ ހެދި ރެކޯޑް އަހުމަދު ޝަރަފް މުގުރާލީ މިދިޔަ މަހުގެ 5 ވަނަ ދުވަހު އެވެ.
ދިވެހި ކުޅިވަރުގެ ބައްޕަ މަރްހޫމް ޒާހިރު ނަސީރުގެ ދަރިވަރެއްގެ ގޮތުގައި ފާހަގަވި ކުޑަހުސެން ވަނީ އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސްގެ މަގާމް ފުރައި އަދި ދިވެހި އަސްކަރިއްޔާ އަށް ވެސް ހިދުމަތްކޮށްފަ އެވެ.
ކުޑަހުސެން ހާއްސަ ޝަރަފެއް ހޯދިއިރު ރާއްޖޭގެ އެހެން ދުވުންތެރިއެއް ކަމަށްވާ އަހުމަދު އާތިފް ވަނީ މިދިޔަ އަހަރު އިނގިރޭސި ވިލާތުގައި ބޭއްވި އަލްޓްރާ މެރެތަންގައި ތިރީސް ގަޑިއިރު ތެރޭގައި 160 ކިލޯމީޓަރު ދުވެފަ އެވެ.