31 ޑިސެމްބަރ 2025 - 11:58

މިރޭ މެންދަމު 12 އިން ފެށިގެން އެންމެ ގިނައިން ލިބޭނީ އާ އަހަރުގެ ތަހުނިޔާގެ މެސެޖުތަކެވެ. މި ފެށޭ އަހަރުގެ ތަހުނިޔާ މެސެޖު އިތުރަށް ހާއްސަކޮށްލުމުގެ ގޮތުން ދިރާގުން ވައިބާއާ ގުޅިގެން ވަނީ އާ އަހަރުގެ ތަހުނިޔާއަށް ހާއްސަ އެނިމޭޝަނެއް ތައާރަފްކޮށްފަ އެވެ.
މިއީ ރާއްޖޭގެ މޮބައިލް ނަމްބަރުން ވައިބާ އެކައުންޓު ހަދާފައިވާ ކޮންމެ ވައިބާ ޔޫޒާއަކަށް ވެސް ފެންނާނެ އެނިމޭޝަނެކެވެ.
މި އެނިމޭޝަން ލިބޭނީ "ހެޕީ ނިއު އިޔާ"، "ނިއު އިޔާ"، "2026" ފަދަ ކީ ވޯޑުތަކަށެވެ. މި އެނިމޭޝަން ލިބޭ ކީވޯޑެއް ބޭނުން ކުރުމުން ހަވާ އާއި އެކު އޮރެންޖު ކުލައިން "ހެޕީ ނިއު އިޔާ 2026" ފޯނުގެ ސްކްރީނަށް އަރާނެ އެވެ. އަދި އެހެން މީހަކު ފޮނުވާ ތަހުނިޔާގެ މެސެޖަށް ފިއްތާލުމުން ވެސް މި އެނިމޭޝަން ފެންނާނެ އެވެ.
މިއީ ރާއްޖޭގެ ކުންފުންޏަކުން ވައިބާއާ ގުޅިގެން ހާއްސަ މުނާސަބަތަކަށް ނެރުނު މިފަދަ ފުރަތަމަ އެނިމޭޝަނެވެ. ދިރާގުން ބުނީ ވައިބާ އަކީ ރާއްޖޭގެ ގިނަ ބަޔަކު ބޭނުން ކުރާ އެޕަކަށްވެފައި، އެއީ އާއިލާ އާއި އޮފީސްތަކުގެ ވެސް ގިނަ ގްރޫޕުތަކެއް ހުންނަ އެޕަކަށްވުމުން، މިފަދަ އެނިމޭޝަނެއް ވައިބާއާ އެކު ނެރުނީ އާ އަހަރުގެ މެސުޖުތައް އިތުރަށް ހާއްސަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ދިރާގުން ވައިބާއާ ގުޅިގެން އާ އަހަރަށް ހާއްސަ އެނިމޭޝަނެއް ނެރެފައިވާއިރު، އެކުންފުނިން ވަނީ އާ އަހަރަށް ހާއްސަ އޮފާތަކެއް ވެސް ތައާރަފްކޮށްފަ އެވެ. މި އޮފާތައް ދިރާގު އެޕް މެދުވެރިކޮށް މިހާރު އެކްޓިވޭޓުކުރެވޭނެ އެވެ.
ދިރާގުން ބުނީ އެކުންފުނިން މަސައްކަތް ކުރަމުން ދަނީ މި ފެށޭ އާ އަހަރަކީ ކަސްޓަމަރުންނަށް އުފާވެރި، ހާއްސަ މުނާސަބަތަކަށް ހެދުމުގެ ބައިވެރިއަކަށްވުމަށް ކަމަށެވެ.