ޣައްޒާގައި އެހީދޭ 37 ޖަމާއަތެއްގެ މަސައްކަތް ހުއްޓުވަނީ
ޣައްޒާގައި އެހީދޭ 37 ޖަމާއަތެއްގެ މަސައްކަތް ހުއްޓުވަނީ

ފަލަސްތީނުގެ ޣައްޒާ އިން ފަލަސްތީނު މީހުންގެ ނަސްލު ނައްތާލަން އިޒްރޭލުން ހިންގާ ޖެނޮސައިޑްގައި ޣައްޒާގެ ހިސޯރު އިތުރަށް ވަރުގަދަކޮށް، ފަލަސްތީނު މީހުންނަށް އެހީދޭ ގިނަ ޖަމާއަތްތަކެއްގެ މަސައްކަތް ހުއްޓުވަން ނިންމައިފި އެވެ.

އިންސާނީ އެހީދޭ 30 އަށް ވުރެ ގިނަ ޖަމާއަތްތައް ޣައްޒާގައި އޮޕަރޭޓް ކުރުން މަނާކުރާނެ ކަން އިޒްރޭލުން އިއުލާނު ކުރި އިރު ޣައްޒާގައި ސިއްހީ ފަރުވާ ދިނުމުގެ މަސައްކަތް އެންމެ ފުޅާދާއިރާއެއްގައި ކުރާ ފްރާންސްގެ ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) ވެސް ވަނީ އެ ލިސްޓުގައި ހިމަނައިފަ އެވެ.

ޣައްޒާގައި އެހީ ދިނުން މާދަމާއިން ފެށިގެން މަނާކުރާ ލިސްޓުގައި އިޒްރޭލުން ހިމެނި ބޮޑެތި ޖަމާއަތްތަކުގެ ތެރޭގައި ނޯވޭގެ ނޯވީޖިއަން ރެފިއުޖީ ކައުންސިލާއި ކެއާ އިންޓަނޭޝަނަލް އާއި ދަ އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ އާއި އޮކްސްފާމާއި ޗެރިޓާސް ހިމެނެ އެވެ.

އެ ޖަމާއަތްތަކުގެ އޮޕަރޭޝަން ހުއްޓުވަން ބަހަނާއެއްގެ ގޮތުގައި އިޒްރޭލުން ބުނީ އެއީ ޖަމާއަތްތަކުގެ މުވައްޒަފުންގެ މައުލޫމާތާއި ފައިސާ ލިބޭ ގޮތުގެ މައުލޫމާތު ނުދޭތީ އެޅި ފިޔަވަޅެއް ކަމަށެވެ.

އެމްއެސްއެފް އިން ބުނި ގޮތުގައި، އިޒްރޭލުގެ އެ ފިޔަވަޅުތަކުގެ ސަބަބުން އެ ޖަމާއަތުގެ މަސައްކަތަށް ބޮޑު ގެއްލުމެއް ލިބޭނެ އެވެ. ޣައްޒާގައި ހުރި ހޮސްޕިޓަލް އެނދުތަކުގެ 20 ޕަސެންޓު ޖަމާއަތުން ބަލަހައްޓާ އިރު އުފަންވާ ކުދިންގެ ތިންބައިކުޅަ އެއްބައި ކުދިންގެ ވިހޭގެ ބަލަހައްޓަނީ ވެސް އެޖަމާއަތުންނެވެ.

މުވައްޒަފުންގެ މައުލޫމާތާއި ފައިސާ ލިބޭ ގޮތުގެ މައުލޫމާތު ނުދޭ ކަމަށް ބުނެ އިޒްރޭލުން ދައްކާ ބަހަނާ އެމްއެސްއެފުން ދޮގުކުރެ އެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބުނީ އިޒްރޭލުން ޖުމްލަ 37 ޖަމާއަތެއްގެ ހުއްދަ އާނުކުރަން ނިންމާފައިވާ ކަމަށާއި އެެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ،

ކާބޯތަކެތި ބެހުމާއި ނަފްސާނީ ސަޕޯޓް ދިނުމާއި ނުކުޅެދުންތެރި މީހުންނަށް އެހީތެރިވުމާއި ކިޔަވައިދިނުން ފަދަ އެތައް ކަމެއް ޣައްޒާގައި ހިންގަނީ އެހީދޭ ޖަމާއަތްތަކުންނެވެ.

ފަލަސްތީނުގެ އެންޖީއޯ ނެޓްވޯކްގެ ފަރާތުން އަލްޖަޒީރާއާ ވާހަކަ ދެއްކެވި އަމްޖަދު ޝަވާ ވިދާޅުވީ އިޒްރޭލުން އެޅި އެ ފިޔަވަޅުގެ ބޭނުމަކީ ޣައްޒާގެ އިންސާނީ ހާލަތު ދަށްކުރުމެވެ.

"ޣައްޒާގައި އިންސާނީ އެހީގެ އޮޕަރޭޝަންތައް މަދުކުރަނީ ޣައްޒާއިން ފަލަސްތީނު މީހުން ބޭރުކުރަން އެ މީހުން (އިޒްރޭލުން) ކުރާ މަސައްކަތުގެ ބައެއް. މިއީ އިޒްރޭލުން މެދުނުކެނޑި ކުރިއަށްގެންދާ ކަމެއް،" ޝަވާ އަލްޖަޒީރާއަށް ވިދާޅުވެފައި ވެ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި، ހަމާސް އާއި އިޒްރޭލާ ދެމެދު ހަމަލާތައް ހުއްޓައިލުމަށް އެކުލަވައިލި އެއްބަސްވުމުގައި ދުވާލަކު 600 ލޮރީގެ އެހީ ޣައްޒާ އަށް ވެއްދޭނެ ކަމަށް ބަޔާން ކޮށްފައިވިޔަސް، އޭގެ ދެ ބައި ކުޅަ އެއްބައި ވެސް ވެއްދުމުގެ ފުރުސަތު އިޒްރޭލުން ދީފައެއް ނުވެ އެވެ.

އެހީ ވެއްދުމަށް ހުރަސްއެޅުމުގެ އިތުރުން، އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވެ، އިޒްރޭލުން އަދިވެސް ދަނީ ޣައްޒާއަށް ހަމަލާދެމުންނެވެ.