31 ޑިސެމްބަރ 2025 - 11:04

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ކޭ ޕާކް ތަރައްގީކުރާ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ދައުވާ 50 އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ކުރިއިރު، 94 ދައުވާއެއް މަންޑޭގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
މަންޑޭގެ މައްޗަށް 390 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް ސާބިތުވި ޓެކުމުގެ 46 ދައުވާގައި، ކޮންމެ ދައުވާއެއްގައި އަށް އަހަރުގެ ޖަލު ހުކުމެއްގެ ރޭޓުން 368 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގައި ޖުމްލަ 14 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެއްގައި ދޮޅު އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ.
މީގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން އަމުރުކުރި އެވެ.
އެ މައްސަލާގައި މަންޑޭއާ އެކު ދައުވާލިބުނު ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް ކުރި 95 ދައުވާގެ ތެރެއިން މިހާތަނަށް ސާބިތުވި 86 ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް އިއްވީ 150 އަހަރަށް ވުރެ ދިގު ޖަލު ހުކުމެކެވެ. އެއީ ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާގައި 139 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާގައި 13 އަހަރުގެ ޖަލު ހުކުމަކާއި މަނީ ލޯންޑްރިންއަށް އެހީވުމުގެ ކުށުގައި 5 އަހަރަށް ޖަލަށްލުމާއެކު ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ އެކެވެ.
އެ ދެ މީހުން ޖަލަށްލުމުގެ އިތުރުން އެ މީހުން ފައިސާ ނެގި މީހުންނަށް އެ ފައިސާ ހަ މަސް ދުވަސް ތެރޭގައި އަނބުރާ ދިނުމަށް އެ ހުކުމުގައި އެ ދެ މީހުންނަށް އަމުރުކޮށްފައިވެ އެވެ.
އެ މައްސަލާގައި ހުކުމުގެ އެއް ބައި ގޭ ބަންދާއި ޖޫރިމަނާގެ އަދަބަކަށް ބަދަލު ކުރުމަށާއި ހުކުމުގެ ފުރަތަމަ ބައި ގޭ ބަންދުގައި ތަންފީޒު ކުރަން އަމުރުކުރަން ޖައިޝާންގެ ފަރާތުން އެދުނަސް، އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ ކުށްކުރި ގޮތަށް ބަލާއިރު އަދަބަށް ބަދަލު ގެނެވެން ނެތް ކަމަށެވެ.
ގާޒީ ނަދީމް ވިދާޅުވީ އެ ކުށްކޮށްފައިވާ ގޮތަށް ބަލާއިރު، އަދަބުގެ މިންވަރު މަތިކުރަން ޖެހޭ ހާލަތްތަކެއް ހުރި ކަމަށެވެ. އަދި އެ މީހުން ކުށްކޮށްފައިވާ ގޮތަށް ބަލާއިރު، އެހެން މީހުންނަށް އިބްރަތަކަށް ވާނެ ފަދަ އަދަބެއް އެ ދެ މީހުންނަށް ދޭންޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެހެން ނަމަވެސް ދެން ބާކީ ހުރި 16 ދައުވާ ސާބިތުނުވާ ކަމަށް ގާޒީ ނަދީމް މިއަދު ނިންމެވި އެވެ.
ތަފްސީލު އަންނަނީ