ކުރީގެ ފިލްމު ޑައިރެކްޓަރު ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ
ކުރީގެ ފިލްމު ޑައިރެކްޓަރު ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ކުރީގެ މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ފައްތާހު ނިޔާވީ ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން އަންނަނިކޮށެވެ.

އުފަން ރަށް ހއ. ކެލާގައި ދިރިއުޅޭ ފައްތާހު އަށް ސްޓްރޯކެއް ޖެހިގެން އިމަޖެންސީގައި ފަރުވާއަށް ހއ. ދިއްދު އަށް ގެންދިޔައީ މިރޭ އިރާކޮޅެވެ. އޭނާ ނިޔާވީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.

ފައްތާހު ނިޔާވި އިރު، އޭނާ އައީ އަންނަ އަހަރު އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ތައްޔާރުވަމުންނެވެ. އޭނާއަށް ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓު ވެސް ލިބިފަ އެވެ.

ފައްތާހު ފޭސްބުކްގައި ކުރިން ކުރި ޕޯސްޓެއްގައި ބުނީ ކެލާ ކައުންސިލް ރައީސް ކަމަށް ކުރިމަތިލަނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ވިސްނުމުގައި ކަމަށެވެ.

ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް، ކާމިޔާބު ގިނަ ފިލްމުތަކާއި ޑްރާމާ ސިލްސިލާތައް އުފެއްދި ފައްތާހުގެ އެންމެ ފަހުގެ ފިލްމަކީ 2017 ގައި ގެނެސްދިން "ހައްދު" އެވެ. އެ ފިލްމަށް ފަހު އޭނާ ވަނީ ފިލްމީ ދާއިރާއިން ރިޓަޔާކޮށް ދާއިރާއަށް އެއްކޮށް ދުރަށް ގޮސްފަ އެވެ.

އެއަށް ފަހު، 2018 ހިސާބުގައި ފައްތާހު ކެލައަށް ދިރިއުޅުން ބަދަލުކޮށް، ކެލާގައި ރެސްޓޯރެންޓު ވިޔަފާރި ފެށި އެވެ.

ފައްތާހު ވަނީ ފިލްމާއި ޑްރާމާ އާއި ވީޑިއޯ ލަވަ އަދި އިޝްތިހާރު އުފައްދައި ޑައިރެކްޓްކުރުމުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ކޮށްފަ އެވެ. އަދި ފިލްމާއި ޑްރާމާތަކަށް ވާހަކަ އާއި ސްކްރިޕްޓް ވެސް ލިޔުނެވެ. ބައެއް ޓީވީ ޕްރޮގްރާމްތައް ވެސް އޭނާ އުފެއްދި އެވެ.

ފައްތާހު ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ހިމޭން ދުނިޔެ"، "ރަންމުތް"، "އާނ އަހަރެން ވެސް ލޯބިވިން"، "ވެހޭ ވާރޭ ތެރެއިން"، "14 ވިލޭރޭ"، "ޖިންނި"، "ހުރީމޭ އިންތިޒާރުގައި" އަދި "އޭނާ" ހިމެނެ އެވެ.

އޭނާގެ ޑްރާމާތަކުގެ ތެރޭގައި ހިމެނޭ "އައިޝާ"، "ރޭޝަމް"، "ދޯޕައްޓާ"، "ފަހު ފިޔަވަޅު"، "މާފުކުރާށޭ" އަދި "ތިއޭ މިހިތުގެ ވިންދަކީ" އަކީ ވަރަށް ގިނަ ބައެއްގެ ލޯބި ލިބުނު ޑްރާމާތެކެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން ފައްތާހު ކުރި މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2004 ވަނަ އަހަރު އޭނާއަށް ގައުމީ އިނާމު ވެސް ދީފަ އެވެ.