04 އެޕްރީލް 2017 - 06:17

ބޮލީވުޑް ތަރިއަކަށް ވުމަކީ ފައިދާ އާއި ގެއްލުން ވެސް ހުރި ކަމެކެވެ. ފިލްމީ ތަރިންނަށް އެތައް މިލިއަން ބައެއްގެ ލޯތްބާއި ތާއީދު ލިބޭ ގޮތަށް އެމީހުންނަށް ނަފްރަތު ކުރާ، އެ މީހުން ދެކެ ފޫހިވާ މީހުން ވެސް މަދެއް ނޫނެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާގައި އެމީހަކު ހިތަށް އެރި އެއްޗެއް ހިތަށް އެރި މީހަކާ ދިމާލަށް ގޮވާލަން ފުރުސަތު ލިބޭ މި ޒަމާނުގައި ގަދަވަނީ ނަފުރަތުކުރާ މީހުންގެ އަޑެވެ.
ދީޕިކާއާ ދެކޮޅަށް އުޅޭ މީހުން ސޯޝަލް މީޑިއާގައި މިހާރު ފަތުރަނީ ކޮންމެވެސް ފަރުވާއެއް ހޯދައިގެ އޭނާގެ ހަމުގެ ކުލަ އަލިކޮށްފައިވާ ކަމުގެ ވާހަކަ އެވެ.
ނަމަވެސް މި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ދީޕިކާ ބުނެފައިވެ އެވެ. އިންޑިއާގެ ނޫހަކަށް ދީޕިކާ ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އޭނާ ހަންގަނޑު ދޮންކުރަން ސާޖަރީއެއް ހެދިކަމަށް ބުނެ ފަތުރަމުންދާ އަޑުތަކުން އޭނާ ވެސް ހުރީ އަޖައިބުވެފަ އެވެ.
ދީޕިކާ ދޮންވާން ފަރުވާ ނުހޯދާ ކަމަށް ބުނި ނަމަވެސް އޭނާއަށް ފާޑުކިޔާ ބައެއް މީހުން ބުނަނީ އޭނާ ދޮގު ހަދަނީ ކަމަށެވެ. އަދި ބޮލީވުޑްގެ ގިނަ ތަރިންނަކީ އެމީހުންގެ ސިފަ ރީތިކުރަން އެކި ކަހަލަ ސާޖަރީތައް ހަދަމުންދާ ބަޔަކަށް ވާތީ ދީޕިކާ ވެސް މިފަދަ ސާޖަރީ އެއް ހެދި ނަމަ އެކަމާ އިންކާރު ކުރުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކޭ ކަމަށް ވެސް އެ މީހުން ބުނެ އެވެ.
މި އިންޓަވިއުގައި ދީޕިކާ ބުނި ގޮތުގައި މަރުވުމުގެ ކުރިން އޭނާ ކުރަން ބޭނުންވާ ވަރަށް މުހިއްމު ކަމެއް އެބައޮތެވެ. އެއީ ގިނަ އަދަދެއްގެ ދަރިން ހޯދުމެވެ. ނަމަވެސް ކައިވެނި ކުރާނެ ދުވަހެއް ދީޕިކާ ހާމައެއް ނުކުރެ އެވެ.
ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ދީޕިކާ މިހާރު ރައްޓެހިވެގެން އުޅެނީ ފިލްމީ ބަތަލު ރަންވީރު ސިންގް އާ އެވެ. ނަމަވެސް މި ދެ މީހުން ކުރެ އެކަކުވެސް ރައްޓެހިވެގެން އުޅޭ ކަމަކަށް އެއްބަހެއް ނުވެ އެވެ.
ދީޕިކާ މިހާރު ކުޅެމުންދަނީ ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" އެވެ. ޝާހިދު ކަޕޫރާއި ރަންވީރާ އެކު އޭނާ ކުޅޭ މި ފިލްމު އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ދާދިފަހުން މި ފިލްމުގެ ދެ ސެޓަކަށް ބޮޑެތި ގެއްލުންތަކެއް ބަޔަކު ދިނުމުގެ ސަބަބުން އަދިވެސް އޮތީ ޝޫޓިން މެދުކެނޑިފަ އެވެ. މި ފިލްމު ފިޔަވައި އިތުރު ފިލްމެއް ކުޅެން މިހާތަނަށް ދީޕިކާ ސޮއިކޮށްފައެއް ނުވެ އެވެ.