30 ޑިސެމްބަރ 2025 - 16:54

"ދިރާގު ސްޕީޑް ބޯޓު މިފަހަރު ލިބޭނީ މަށަށް، ފުރަތަމަ ވެސް ރައްޓެހިންނާ އެކު ދާނީ މަހަށް،"
ޕްރޮމޯޝަންގައި ބައިވެރިވި އެހެން ރައްޓެހިންނާ ދިމާކޮށްލަން މިހެން ބުނަނީ ހަމަ އުއްމީދެއް އޮތީމަ އެވެ. އެކަކު މަހަށް ދާން ބޭނުންވާ އިރު އަނެކަކުގެ ވިސްނުން ހުރީ ދަތުރު ދާން ހާއްސަކުރާށެވެ. ސްޕީޑް ބޯޓު ލިބިއްޖެ ނަމަ ވިއްކާލަން ނުވަތަ ކުއްޔަށް ދޭން ވިސްނާ މީހުން ވެސް މަދެއް ނޫނެވެ.
ސްޕީޑް ބޯޓު ހޯދުމުގެ ވަގުތު ކުޑަތަންވެ، ކޮފީ މޭޒުތަކާއި އޮފީސްތަކުގައި ވެސް މިހާރު ފޯރިގަދަ އެއް ޓޮޕިކަކީ ދިރާގުން ދޭ ސްޕީޑް ބޯޓެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގިނަ ބަޔަކު މި ބަހުސްގައި މަޖާނަގަ އެވެ.
ޕްރޮމޯޝަންގައި ބައިވެރިވި ވަރަށް ގިނަ މީހުން ތިބީ ގުރުއަތުން ނަސީބުވެރިޔާ އަށް ހޮވިދާނެ ކަމުގެ އުއްމީދުގަ އެވެ. މިދިޔަ އަހަރުގެ "ވިން އަ ސްޕީޑް ބޯޓު"ގެ ކާމިޔާބީއަށް ފަހު މި އަހަރު ހަމަ އެ ނަމުގައި ދެ ސްޕީޑް ބޯޓެއް ދޭން ނިންމާ ޕްރޮމޯޝަން އިއުލާނު ކުރުމަކީ ގިނަ ބައަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ހުދު ކުލައިގެ ރީތި އެ ލޯންޗު އިއްޔެ ދައްކާލި ހިސާބުން ވެސް ޝައުގުވެރިކަން ވަނީ ބޮޑުވެފަ އެވެ. އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ އެ ލޯންޗު މިހާރު އޮތީ ބަނދެ ނިމިފަ އެވެ.
ތިލަފުށީގެ ބޯޓްޔާޑުގައި ހުރިހާ މަސައްކަތެއް ނިންމައި ފުރިހަމަކޮށްފައި އޮތް އެ ލޯންޗަކީ 28 ފޫޓުގެ ހުދު ކުލައިގެ ސްޕޯޓްސް ލޯންޗެކެވެ.
މަހަށް ދިއުމާއި މޫދު ކުޅިވަރުގެ އެކި އެކްސްކާޝަންތަކާއި ކުދި ދަތުރުތަކަށް އެންމެ އެކަށޭނަ ގޮތަށް ފަރުމާކޮށްފައިވާ މި ލޯންޗަކީ ހިތްގައިމު، ރީތި ލޯންޗެެކެވެ. ލޯންޗުގެ ދުވެލި އިތުރަށް ރަނގަޅުވާނެހެން ފަރުމާކޮށްފައިވާއިރު، ރަނގަޅު ސްޕީޑެއްގައި ދުއްވާލަން 250 ހޯސްޕަވަރުގެ ޔަމަހާ އިންޖީނެއް ވެސް ވަނީ އަޅައިފަ އެވެ.
އަރާމުކޮށް ޖައްސާލައިގެން ތިބެން މި ލޯންޗުގައި ލެދާ ސީޓުތައް ހުރި އިރު، ސަން ބާތިންއަށް އޮށޯވެލައިގެން އޮވެލެވޭނެ ހަތަރު ޑޭ ބެޑް ހުރެ އެވެ. އޭގެ ތެރެއިން ދެ ޑޭ ބެޑް ހުރީ ބޯޓުގެ ކުރީކޮޅުގަ އެވެ. އަނެއް ދެ ބެޑް ހުރީ ބޯޓުގެ ފަހަތުކޮޅުގަ އެވެ.
އަލްޝާލީ މެރިން އިން ބަނދެފައިވާ މި ލޯންޗުގެ ހަލްއަށް ވެސް އެ ކުންފުނީގެ ކޮންމެ ބޯޓަކަށް ދޭ ފަސް އަހަރުގެ ވޮރަންޓީ ވަނީ ދީފަ އެވެ. އަދި ޑިފެކްޓްސްއަށް އެއް އަހަރުގެ ވޮރަންޓީއެއް ވެސް ވަނީ ދީފަ އެވެ.
ދިރާގުގެ "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަނުގައި ދޭ ފުރަތަމަ ލޯންޗު ހޯދަން ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވާނެ އެވެ. މި ބޯޓު ކާމިޔާބުނުވެއްޖެ ނަމަ އަދިވެސް ނަސީބެއް ނުގެއްލެ އެވެ. ދެވަނަ ބޯޓުން ނަސީބުވެރިޔަކަށް ހޮވިދާނެ އެވެ. މި ޕްރޮމޯޝަނުގެ ދެ ވަނަ ބޯޓު ހޯދަން އަންނަ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެންރޯލް ކުރެވޭނެ އެވެ.
ދިރާގުން ދޭ ސްޕީޑް ބޯޓު ހޯދަން އެންރޯލްކުރެވޭނީ މޮބައިލް ޕޯސްޕެއިޑްގެ 450 އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމް އިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ. ދިރާގުގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
ޕްރޮމޯޝަންގައި ވަގުތު ކުޑަތަންވެ، ގިނަ ބަޔަކު ތިބީ އިންތިޒާރުގަ އެވެ. ބައިވެރިވި މީހެއްގެ ތެރެއިން "މިފަހަރު ސްޕީޑް ބޯޓު ލިބޭނީ މަށަށް" ކަމަށް ޔަގީންކޮށްގެން ހުރި މީހަކު ވެސް ނަސީބުވެރިއަކަށް ވެދާނެ އެވެ. ދިރާގުން ދިން ޓެސްލާ ވެސް ލިބުނީ އެ ކާރު ލިބޭނެ ކަަމުގެ އުއްމީދުގައި ހުރި މީހަކަށެވެ.