ފަސް އަހަރު ފަހުން އައްޑޫ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވައިފި
ފަސް އަހަރު ފަހުން އައްޑޫ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ބޮޑު މަރާމާތަކަށް ފަހު، މިއަދު އަލުން ހުޅުވައިފި އެވެ.

އެ ރިސޯޓު ބަންދުކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އޮގަސްޓް 2020 ގަ އެވެ. އޭގެ ކުރިން އެ އަހަރުގެ އޮޕަރޭޝަންތައް އޮތީ މެދުކަނޑާލައިފަ އެވެ.

އައްޑޫ ވިލިނގިލީގައި ހަދާފައިވާ 132 ވިލާ ހިމެނޭ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށިގެން މަސައްކަތް ކުރަމުން އައި ނަމަވެސް އެކި ސަބަބުތަކާ ހެދި އެކަން އޮތީ ކާމިޔާބު ނުވެފަ އެވެ.

އެކަމަކު، ރައީސް މުއިއްޒުގެ 2023 ގެ ރިޔާސީ ކެމްޕެއިންގައި އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ އެ ރިސޯޓު އަލުން ހުޅުވުމަށް މަސައްކަތް ކުރެއްވުމެވެ.

އެ ވައުދާ އެކު، މި އަހަރު ނިމުމުގެ ކުރިން އެ ރިސޯޓު ހުޅުވާނެކަން ޝަންގްރިއްލާގެ މެނޭޖުމަންޓާ ގުޅިގެން މި ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިއުލާނުކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވައި، ފުރަތަމަ ޓޫރިސްޓު މީހާ އަށް މިއަދު މަރުހަބާ ކިޔާފައިވާ ކަމަށެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް ބަންދު ކުރީއްސުރެ އެ ރިސޯޓް އަލުން ހުޅުވަން ސަރުކާރުން އައީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ. އެ ރިސޯޓް އަލުން ހުޅުވަން ބާރު އެޅުމުގެ ގޮތުން، އެ ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލަން ވެސް ކުރީގެ ސަރުކާރުން އެއްބަސްވި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު ބުނީ، ޝަންގްރިއްލާ ރިސޯޓު ބަންދުކުރުމާ ހަމައަށް 500 އަށް ވުރެ ގިނަ މުވައްޒަފުން އެ ތަނުގައި މަސައްކަތް ކޮށްފައިވާއިރު، އެ ތަން އަލުން ހުޅުވުމުން އައްޑޫގެ އިގުތިސާދަށް ކުރިއެރުން އަންނާނެ ކަމަށެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާއަކީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ފަސް ވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓެކެވެ.

އެ ތަން 2008 ގައި ހުޅުވިއިރު މަޝްހޫރުވީ މުއްސަނދި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގެ ގޮތުގަ އެވެ. ޝަންގްރިއްލާ ހިންގި ދުވަސްވަރު އައްޑޫގެ އިގްތިސާދު ވެސް ރަނގަޅުވެ، ވަރަށް ގިނަ ޕްރައިވެޓް ޖެޓްތައް ވެސް އައްޑު އަށް ދަތުރުކުރި އެވެ.

ރިސޯޓު ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން މުވައްޒަފުން ނެގުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ރައީސް މުއިއްޒު އެ މަހު އެ ރިސޯޓަށް ވަޑައިގެންނެވި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަކީ އައްޑޫގެ އިގްތިސާދަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭގެ ސަބަބުން އައްޑޫގެ ގިނަ ބަޔަކަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި، އެ ސަރަހައްދުގެ ޓޫރިޒަމަށް އާ ދިރުމެއް ލިބޭނެ ކަމަަށް ބުންޏެވެ.