04 އެޕްރީލް 2017 - 06:22

މަހޭޝް ބަޓް އާއި މުކޭޝް ބަޓް ގުޅިގެން އުފައްދާފައިވާ ފިލްމު ކުންފުނި ވިޝޭޝް ފިލްމްސް އިން ފިލްމު އިންޑަސްޓްރީގައި ހޭދަކޮށްފައިވާ ކާމިޔާބު 30 އަހަރު ފާހަގަކުރުމަށް ދާދިފަހުން ވަނީ ވަރަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި އިވެންޓުގައި ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ބައިވެރިވި އެވެ.
ނަމަވެސް އެންމެ ފާހަގަކޮށްލެވުނީ ވިޝޭޝް ފިލްމްސް އިން އުފެއްދި ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "އާޝިގީ"ގެ ތަރިންގެ ތެރެއިން އެ ފިލްމުގެ ބަތަލާ އަނޫ އަގަރްވާލް އާއި ސަޕޯޓިން އެކްޓަރު ދީޕިކް ތިޖޯރީ އަދި "އާޝިގީ" ފްރެންޗައިސްގެ ދެ ވަނަ ފިލްމު "އާޝިގީ 2" ގެ ތަރިން ކަމަށްވާ އަދިތުޔާ ރޯއި ކަޕޫރާއި ޝްރައްދާ ކަޕޫރުގެ ތާޜީޚީ ބައްދަލުވުމެވެ. މި ބައްދަލުވުމުގެ ފޮޓޯތައް ޝްރައްދާ އިންސްޓަގްރާމްކޮށްފައިވެ އެވެ. އެ ފޮޓޯތަކުގައި "އާޝިގީ"ގެ ބަތަލު ރާހޫލް ރޯއީ ނެތް ނަމަވެސް މި ފޮޓޯތަކުން ގިނަ ބަޔަކަށް މާޒީގެ ވަރަށް ގިނަ ހަނދާން ތަކެއް އާވާނެކަން ޔަގީނެވެ.
ހުދުކުލައިގެ ހެދުމެއް ލައިގެން ހުރި އަނޫ ހުރީ ޝްރައްދާ އާއި އަދިތުޔާއާ ބައްދަލުވެވުމުން ވަރަށް އުފާވެފަ އެވެ.
"އާޝިގީ" އިން ބޮލީވުޑަށް ތައާރަފްވުމަށް ފަހު އަނޫ އަކީ އެ ދުވަސްވަރު ވަރަށް ވިދާލި ބަތަލާއެކެވެ. ނަމަވެސް 1999 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނޫގެ ސިފަ ވަރަށް ބޮޑަށް ވަނީ ބަދަލުވެފަ އެވެ. އެ އެކްސިޑެންޓްގެ ސަބަބުން 29 ދުވަސްވަންދެން ކޯމާގައި ވެސް އަނޫ އޮތެވެ. އަދި އޭނާގެ ހާލަތު ފަހުން ރަނގަޅުވި ނަމަވެސް މި އެކްސިޑެންޓްގެ ސަބަބުން އަނޫގެ މުޅި ދިރިއުޅުން ވަނީ ބަދަލުވެފަ އެވެ.
ހަޔާތުގައި ދިމާވި ހިތި ތަޖުރިބާތަކަށް ފަހު ވެސް މި ހަފުލާއިން އަނޫ ފެނުނީ ވަރަށް ހަމަޖެހިލާފައި ހުއްޓަ އެވެ.