30 ޑިސެމްބަރ 2025 - 14:14

ހުޅުމާލެ 2 ގައި ކުށްކުރާ ކުޑަކުދިންގެ އަދަދު ވަރަށް ގިނަ ކަމަށާއި އެ ކުދިންނާ ގުޅޭ ކަންކަމަށް ކޮންމެ ދުވަހަކު އެޓެންޑު ވާންޖެހޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިސްކަންދަރުކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަރީފު ވިދާޅުވީ ކުށްކުރާ ކުޑަކުދިން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމަކީ ފުލުހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ފުލުހުން ވަރަށް ގިނައިން އެކަމަށް އެޓެންޑް ކުރަން ޖެހޭ ކަމަށެވެ. އަދި ކުޑަކުދިން ކުށްކުރުމާ ދުރުކުރަން ބެލެނިވެރިންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް މި އޮތީ ކުށްކުރާ ކުދިން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަން. ހާއްސަކޮށް ގްރޭޓާ މާލެއޭރިއާގައި ހަމަ ހުރިހާ ހިސާބެއްގައި ހަމަ ހުރިހާ ހިސާބެއްގައި ވެސް މިކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ، އެއީ ވިލިމާލެ ކަމަށް ވިޔަސް އަދި ހުޅުމާލެ ކަމުގައި ވިޔަސް އަދި މާލެ އޭރިއާގައި ކަމަށް ވިޔަސް، އަަދި ހާއްސަކޮށް ހުޅުމާލޭގެ ފޭސް 2 އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ހަމަ މިގޮތަށް ކުށްކުރާ ކުދިން، މިވަގުތު ވަރަށް ގިނަ ތަނެއްގެ ގޮތުގައި،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގޭންގު ކުށްތައް ހުއްޓުވަން ހާއްސަ ޑިޕާޓްމަންޓުގެ ފުލުހުން ކުރާ މަސައްކަތުގެ ތެރޭގައި ފާހަގަވާ ކުޑަކުދިންގެ މައުލޫމާތު ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓާ ހިއްސާކުރެ އެވެ. އެގޮތަށް ލިބޭ މައުލޫމާތުގެ އަލީގައި، ކުށްކުރާ ކުދިންގެ ލިސްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި އެގޮތުން 300 އަށް ވުރެ ގިނަ ކުދިންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކުދިން ކުށްކުރުމާ ދުރުކުރަން ފުލުހުން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
"ހާއްސަކޮށް އެ ކުދިންގެ ބެލެނިވެރިންނަށް ރީޗްވެ، އެ ކުދިން ކުށުގައި އުޅޭ ގޮތްތަކާ ހުރިހާ އެއްޗެއް ދެނެގަނެވިފައި ހުރި ގޮތް ބެލެނިވެރިންނަށް ކިޔައިދީ އަދި ބެލެނިވެރިންނާ އަޅުގަނޑުމެންނާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރެވުމުންދާ ކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކުރަން،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުވަގައި ކުޑަކުދިންގެ އަދުލުގެ ނިޒާމަކީ ވަށައިޖެހޭ ނިޒާމަކަށް ހެދުމަށް ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަކުރަ ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް އެބަ ދެ އެވެ.
ކުށްކުރާ ކުދިން ވަކި ގޮތަކަށް މަރުކަޒު ކޮށްގެން ރިހެބިލިޓޭޓް ކުރާނެ އުސޫލު ޖުވެނައިލް ކޯޓުން ކަނޑައެޅުމަކީ އެފަދަ ކަމެއް ކަމަށް ޝަރީފު ވިދާޅުވި އެވެ. ރާއްޖޭގެ ހަތް ސަރަހައްދެއްގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި މިހާރު ވެސް 71 ކުއްޖަކު އެބަތިބި ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.