ޑީސަލް ބޮވުނު ވެމްކޯގެ މުވައްޒަފު އައިސީޔޫން ބަދަލުކޮށްފި
ޑީސަލް ބޮވުނު ވެމްކޯގެ މުވައްޒަފު އައިސީޔޫން ބަދަލުކޮށްފި

ހަމަކުން ޑީސަލް ނަގަން، އެއަށް ހޮޅިއެއް ލައި އަނގަ ޖަހައި ދަމާލި ވަގުތު ޑީސަލް ބޮވި ފުއްޕާމެޔަށް ޑީސަލް އެޅިގެން ހާލު ސީރިއަސްވި ވެމްކޯގެ މުވައްޒަފުގެ ހާލު ތަންކޮޅެއް ރަނގަޅުވެ އައިސީޔޫން ވޯޑަށް ބަދަލުކޮށްފި އެވެ.

މިމަހުގެ 12 ގައި އެ ހާދިސާ ހިނގީ ގއ. ދިޔަދޫ ސައިޓްގައި ޖަނަރޭޓަރަކަށް ޑީސަލް އަޅަން، ޑީސަލް ހަމަކަށް ހޮޅިއެއްގެ އެއްކޮޅު ލުމަށްފަހު، އަނެއްކޮޅުގައި އަނގަޖަހައި ދަމާލުމުން އަނގައަށް ޑީސަލް އެޅި، އެ ޑީސަލް ބޮވިގެންނެވެ.

އޭނާއަށް ފަރުވާ ދޭން އިމަޖެންސީގައި ވަގުތުން އެ އަތޮޅު ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެ ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެވެން ނެތުމުން މާލެ ގެނެސް އޭނާއަށް ފަރުވާދިނީ އައިސީޔޫގައި ވެންޓިލޭޓަރަށް ލައިގެންނެވެ.

އޭނާގެ އަންހެނުން "މިހާރު" އަށް ބުނީ އޭނާގެ ހާލު މިހާރު ތަންކޮޅެއް ރަނގަޅު ކަމަށާއި އައިސީޔޫ އިން ނެރެ ކޮޓަރިއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނި ގޮތުގައި ކޮޓަރިއަކަށް ބަދަލުކުރިޔަސް އަދިވެސް އެއްވެސް މީހަކު ޒިޔާރާތް ކުރުން މަނަލެވެ. އެއީ އިންފެކްޝަނެއްގެ ސަބަބުން ހާލު ގޯސްވެ، އައިސީޔޫއަށް ލާންޖެހިދާނެތީ އެވެ.

އުމުރުން 37 އަހަރުގެ މުވައްޒަފުގެ ހާލަތު ކިޔައިދެމުން އަންހެނުން ބުނީ މިހާރު ކުޑަކޮށް ވާހަކަ ދެއްކޭ ކަމަށެވެ.

"މިހާރު ކުޑަކޮށް ވާހަކަ ވެސް ދައްކާ. އެކަމަކު އަދިވެސް ނޭވާލާން އުނދަގޫވޭ. ހިނގާލިޔަސް ނޭވާލާން އުނދަގޫވޭ."

ވެމްކޯގައި މަސައްކަތުގައި އުޅެނިކޮށް ހިނގާދިޔަ އެ ހާދިސާއާ ގުޅިގެން އެ ކުންފުނިން ވެސް އާއިލާއަށް އެހީތެރިކަން ދެމުން އަންނަ ކަމަށް އޭނާ ބުންޏެެވެ.

އޭނާ ބުނި ގޮތުގައި ކޮންމެ ދުވަހަކު ހެނދުނު ވެމްކޯގެ މުވައްޒަފަކު ހޮސްޕިޓަލަށް ގޮސް އޭނާގެ ހާލަތު އޮޅުން ފިލުވަ އެވެ.

އެ ހާދިސާއާ ގުޅިގެން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވެފައިވާ ގޮތުގައި އެ ހާދިސާ ހިނގި އިންޖީނުގޭގައި ތެޔޮ އަޅާނެ ރޭމްޕްތަކާއި ހުރިހާ އިންތިޒާމެއް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އެ މުވައްޒަފަށް އެގޮތަށް ދިމާވީ މަސައްކަތް އަވަސް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.