03 އެޕްރީލް 2017 - 14:14

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 3) - ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދޭން އިޒްރޭލުން ފާސްކުރުމާ ގުޅިގެން އިޒްރޭލް ސަރުކާރަށް އދ. އިން ފާޑު ކިޔައިފި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ތަރުޖަމާން ވިދާޅުވީ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދޭން އިޒްރޭލުގެ ސަލާމަތީ ކެބިނެޓުން ނިންމުމަކީ ސެކްރެޓަރީ ޖެނެރަލް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"އިޒްރޭލާއި ފަލަސްތީނު މީހުންނަށް ސުލްހަވެރިކަމާ އެކު ދިރިއުޅުމަށް ޕްލޭން ބީއެއް ނެތް ކަމަށް ސެކްރެޓަރީ ޖެނެރަލް ގަބޫލް ކުރައްވާ. ދެ ދައުލަތް އުފައްދައިގެން ސުލްހަ އަށް ކުރާ އުއްމީދަށް ހުރަސް އަޅާ ހުރިހާ ކަމެއް ސެކްރެޓަރީ ޖެނެރަލް ކުށްވެރި ކުރައްވާ،" ތަރުޖަމާން ސްޓެފާނީ ޑުޖާރިކް ވިދާޅުވި އެވެ.
ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ގެދޮރު އަޅައިދޭން އިޒްރޭލުން ފާސްކޮށްފައި މި ވަނީ އެކަން ނުކުރުމަށް އދ. އިން ޑިސމްބަރު މަހު ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ. އެމެރިކާ އިން ވީޓޯ ނުކުރުމާ އެކު ފާސްކުރި ގަރާރުގައި ވަނީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އެޅުން ހުއްޓާލުމަށް އިޒްރޭލަށް ގޮވާލައިފަ އެވެ. މި ގަރާރާ ގުޅިގެން އިޒްރޭލުން ވަނީ ގެދޮރު އެޅުމުގެ މަޝްރޫއު އަށް ހުއްދަ ދިނުން، ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަންނަވަންދެން، ފަސްކޮށްފަ އެވެ
ފަލަސްތީނުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ސައިބު އަރަކާތު ވިދާޅުވީ އިޒްރޭލުން ދަނީ ސުލްހަ ނެތިކޮށްލަމުން ކަމަށެވެ. އަދި ހުޅަނަގު އައްސޭރީގައި ޔަހޫދީންނަށް ގެ އަޅައިދެމުންދާ އިރު އިޒްރޭލަށް އަދަބު ދިނުމަށް އެއްވެސް ކަމެއް ނުކުރާތީ އދ. އާއި ޔޫރަޕިއަން ޔޫނިއަން އަދި އެމެރިކާ އަށް ވަނީ އަރަކާތު ފާޑު ވިދާޅުވެފަ އެވެ.
ޖެނުއަރީ 20 ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން އިޒްރޭލުން ވަނީ 566 ހައުސް ޔުނިޓް އަޅަން ފާސްކޮށްފަ އެވެ.
ހުޅަނގު އައްސޭރީގައި އިޒްރޭލުން ވަނީ 400،000 ޔަހޫދީން ވަޒަންވެރި ކުރުވައިފަ އެވެ. އަދި އިތުރު 200،000 މީހުން ވަނީ އިރުމަތީ ގުދުސްގައި ވަޒަންވެރި ކުރުވައިފަ އެވެ. ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ދިރިއުޅެނީ ފަލަސްތީނުގެ 2.9 މިލިއަން މީހުންނެވެ. އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކުރާ ކަމެއް ކަމަށް އދ. އިން ނިންމާފައިވެ އެވެ.