ޗެތުރީ ވަރަށް މުހިއްމު އެކަމަކު އޭނާ އަކީ މެސީއެއް ނޫން: ރޮކާ
ޗެތުރީ ވަރަށް މުހިއްމު އެކަމަކު އޭނާ އަކީ މެސީއެއް ނޫން: ރޮކާ

އޭއެފްސީ ކަޕުގައި މާދަމާ ހަވީރު ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތުރީގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށާއި އެކަމަކު އޭނާ އަކީ ލިއޮނަލް މެސީ ނޫން ކަމަށް ކަމަށް އެ ޓީމުގެ ކޯޗު އަދި މެސީ އަށް ކުރިން ބާސެލޯނާގައި އިރުޝާދުދިން ސްޕެއިނުގެ އަލްބާޓް ރޮކާ ބުނެފި އެވެ.

ޗެތުރީ ވަރަށް މުހިއްމު އެކަމަކު އޭނާ އަކީ މެސީއެއް ނޫން: ރޮކާ
ޗެތުރީ ވަރަށް މުހިއްމު އެކަމަކު އޭނާ އަކީ މެސީއެއް ނޫން: ރޮކާ

ޗެތުރީ އަކީ ބެންގަލޫރުގެ ކުޅުންތެރިންގެ ތެރެއިން ދިވެހި ޓީމުތަކާ ދެކޮޅަށް އެންމެ ގިނައިން ކުޅެފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގަލޮޅު ދަނޑުގައި އަށެއްކަ މެޗު ކުޅެފަ އެވެ. އައި ލީގުގައި ހޮނިހިރު ދުވަހު މޯހަން ބަގާން އަތުން ބެންގަލޫރު 3-0 އިން ބަލިވި މެޗުގައި ޗެތުރީ ބޭނުންނުކުރީ ވެސް މި މެޗަށް ތައްޔާރުވުމަށް އޭނާ އަށް އަރާމްކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އެހުރިހާ ސަބަބަކާ ހުރެ، މާދަމާގެ މެޗު އަނބުރާލާނީ ޗެތުރީތޯ މިހާރުން ސުވާލުކުރުމުން ރޮކާ ބުނީ މި މެޗުގައި އޭނާ އަކީ ވަރަށް މުހިއްމު ކުޅުންތެރިޔަކަށް ވާނެ ކަމަށާއި އެކަމަކު އޭނާ އަށް ވެސް ޕްރެޝަރު އޮންނާނީ އެހެން ކުޅުންތެރިންނަށް ވެސް އޮންނަ ވަރަށް ކަމަށެވެ.

"އަހަރެން ވަރަށް އުފާވޭ ޗެތުރީއާ މެދު އޭނާ އަކީ މި ޓީމުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަދި ކެޕްޓަން. ކުޅުންތެރިޔެއްގެ ގޮތުގައި އަދި މީހެއްގެ ގޮތުގައި ވެސް އޭނާގެ ވަޒީފާ ރަނގަޅަށް އަދާކުރޭ. މޯހަން ބަގާން މެޗުގައި އޭނާ ނޭރުވީ، މިދިޔަ ދުވަސްތަކުގައި އޭނާ މި ޓީމަށް ހުރިހާ މެޗެއް ކުޅެ އަދި މިދިޔަ ހަފުތާގައި ގައުމީ ޓީމާ އެކު ވެސް އުނދަގޫ ދެ މެޗު ކުޅެފައިވާތީ. އެހެންވެ އަރާމުކުރަން ފުރުސަތު ދިނީ އޭނާ އަށް،" ރޮކާ ބުންޏެވެ.

ރޮކާ ބުނީ ޗެތުރީ އަށް މި ޓީމަށް ވަރަށް ބޮޑަށް އެހީވެދެވިދާނެ އެކަމަކު އޭނާ ނެތިއްޔާ ބަލިވާނެ ކަމަށް ނުވަތަ ހުރިއްޔާ ޔަގީނުން ވެސް މޮޅުވާނެ ކަމަށް ބުނެ އޭނާ ޕްރެޝަރު ދޭން ބޭނުންނުވާ ކަމަށެވެ.

"އޭނާ އަކީ މެސީއެއް ނޫން، ހަގީގަތަކަށް ބުނަންޏާ. އޭނާ ވެސް މި ޓީމުގެ އެހެން ކުޅުންތެރިންނަށް އޮންނަ ޕްރެޝަރުން ބަޔެއް ނަގަން ޖެހޭނެ. އޭނާ އަށް ހުރިހާ ޕްރެޝަރެއް ދޭން ބޭނުމެއް ނުވޭ. އެކަމަކު އޭނާ އަށް ވަރަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ،" ބާސެލޯނާގެ އެސިސްޓަންޓް ކޯޗަކަށް 2003-2008 އަށް މަސައްކަތްކުރި ރޮކާ ބުންޏެވެ.

ރޮކާ ބުނީ މާޒިޔާ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމު ކުޅެނީ އަމިއްލަ ދަނޑުގައި ކަމަށް ވެފައި އަދި ރާއްޖޭގެ މާހައުލާ މިހުރިހާ ކަމަކަށް ބަލާއިރު މެޗު ފަސޭހަވާނެ ކަމަށް އެއްގޮތަކަށް ވެސް ނުވިސްނާ ކަމަށެވެ.

"މާޒިޔާ އިން ވަނީ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގައި ރަނގަޅު ނަތީޖާއެއް ނެރިފައި. މާޒިޔާ އިން މި ސީޒަނަށް ރަނގަޅު ޓްރާންސްފާތަކެއް ހަދައިފި. މޮޅު ބޭރު ކުޅުންތެރިން އެބަތިބި. ދިވެހި ކުޅުންތެރިން ވެސް އިތުރުކޮށްފި. އެހެންވެ މެޗު އެއްގޮތަކަށް ވެސް ފަސޭހަކޮށް ނުނަގާނަން،" ރޮކާ ބުންޏެވެ.

އޭނާ ބުނީ މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް އިންޑިއާގެ ކްލަބްތަކުން ނެރެފައިވާ ނަތީޖާތައް ވަރަށް ހަނި ކަމަށާއި އެހެންކަމުން ބެންގަލޫރަކީ ފޭވަރިޓުން ކަމަށް ނުދެކޭ ކަމަށެވެ.

"އަހަރެމެންނާއި މާޒިޔާ ވެސް މިއޮތީ ފުރަތަމަ މެޗުން މޮޅުވެފައި. އެހެންކަމުން މާދަމާ މޮޅުވެއްޖެ ނަމަ އެއީ އަހަރެމެންނަށް ކުރިއަށްދާން ލިބޭ ފުރުސަތެއް. މެޗު އުނދަގޫވާނެ. މިއީ މާޒިޔާގެ އަމިއްލަ ދަނޑު އަނެއްކާ ހޫނު ވެސް ގަދަ ގަޑިއެއް މިއީ. މި ހުރިހާ ކަމަކަށް ބަލާއިރު ފަސޭހަވާނެ ކަމަށް ނުދެކެން،" ރޮކާ ބުންޏެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕަށް ވުމަކީ އޮތް ޕްރެޝަރެއްތޯ އެހުމުން ރޮކާ ބުނީ އެފަދަ ޕްރެޝަރެއް ނެތް ކަމަށާއި ކޮންމެ މެޗަކަށް ވެސް ނުކުންނަނީ މޮޅުވާން ކަމަށް ވުމުން ޕްރެޝަރު އަބަދުވެސް އޮންނާނެ ކަމަށެވެ.

މޯހަން ބަގާން މެޗުގައި ރޮކާ ވަނީ ޓީމުގެ މުހިއްމު ހަތް ކުޅުންތެރިޔަކަށް އަރާމުކުރަން ފުރުސަތު ދީފަ އެވެ. އޭނާ ބުނީ އެގޮތަށް އަމަލުކުރީ، ކުޅުންތެރިން ފުލުފުލުގައި މެޗުތަކެއް ކުޅެފައިވާތީ، މުހިއްމު މެޗެއް ބޯމަތީގައި އޮތުމުން ކަމަށެވެ.