29 ޑިސެމްބަރ 2025 - 14:19

ގެވެށި އަނިޔާ ލިބޭ މީހުން ވަގުތީ ގޮތުން ބައިތިއްބާނެ "ޑޮމެސްޓިކް ވައިލަންސް ޝެލްޓާ" ތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މުޖުތައުގެ ތެރޭގައި ސޯޝަލް މީޑިއާގެ ވަސީލަތްތަކުގެ ތެރެއިން އަންހެނުންނަށް ފުރައްސާރަ ކުރުމުގެ ކަންކަން ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ.
އެކަންކަން ހައްލުކުރަން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން އަނިޔާ ލިބޭ އަންހެނުންނާއި އެފަދަ އާއިލާތައް ވަގުތީ ގޮތުން ބައިތިއްބާނެ ތަންތަން އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އައްޑޫ ސިޓީ ހިތަދޫގައި އެ ތަން އެޅުމުގެ މަސައްކަތް ފެށޭ ހިސާބަށް އެ ވަނީ ގޮސްފައި. ހުޅުމާލޭގައި އެފަދަ ތަނެއް އިމާރާތް ކުރުމަށް ބަޔަކު ހޯދަން މިހާރު ވަނީ އިއުލާނު ކޮށްފައި. އެތަނުގެ މަސައްކަތް ފެށުމާއެކު ރ. އުނގޫފާރުގައި ވެސް ވަގުތީ ހިޔާ އެއް އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ. އެހެންވީމަ ރާއްޖޭގެ ތިން ހިސާބެއްގައި ޑޮމެސްޓިކް ވައިލެންސް ޝެލްޓާސް ގާއިމް ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުމުގެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ޖެންޑާ އީކުއަލިޓީގެ ގާނޫނު މުރާޖައާ ކުރަން އަންނަ އަހަަރަށް ތާވަލް ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައިވެ އެވެ.