އުމުރުން ދުވަސްވީ މީހުންނަށް ރަށްރަށުގައި ހާއްސަ މަރުކަޒުތަކެއް
އުމުރުން ދުވަސްވީ މީހުންނަށް ރަށްރަށުގައި ހާއްސަ މަރުކަޒުތަކެއް

އުމުރުން ދުވަސްވީ މީހުން އެއްތަނަކުން ދިމާވެ، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެ ހަރަކާތްތައް ހިންގަން ހާއްސަކޮށްގެން ރަށްރަށުގައި މަރުކަޒުތަކެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އިސްރަށްވެހިންނަށް ހާއްސަ ތަންތަން ރަށްރަށުގައި ހުރުން ވަރަށް މުހިންމު ކަމަށް ފެންނާތީ އެ ތަންތަން އެޅުމުގެ މަޝްވަރާތައް ރަށު ކައުންސިލަތަކާ އެކު ކުރަމުން އަންނަ ކަމަށެވެ.

އެ މަޝްވަރާ އިން މިހާތަނަށް 77 ކައުންސިލަކުން އެ ރަށްރަށުގައި ނާދީ ނުވަތަ ޖަގަހަ އަޅަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"[މިހާތަނަށް] 77 ކައުންސިލުން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އިސް ރަށްވެހިން އެއްވެލާނެ ތަނެއް ހެދުމަށް. އެ ބޭފުޅުންނާ އެއްކޮށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ އެކަން އެތުރިގެން ދާނެ ގޮތާ މެދު،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ނާދީއެއް ހެދިދާނެ ރަށްތަކުގެ މީހުންނާ އެކު ތަމްރީނުތަކެއް ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ.

އެ ތަންތަން ހިންގަން ނިންމާފައި ވަނީ މާލޭގައި ކުރީގެ ގުރުއާނާ ބެހޭ މަރުކަޒުގެ ނާދީއާ އެއްގޮތަށް ކަމަށާއި އެ ތަނުން ލިބޭ ހިދުމަތްތައް ރަށްރަށުން ވެސް ލިބޭނެ ގޮތަށް ހަމަޖައްސާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި ހުޅުވާފައި ހުންނަ ނާދީގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިތުރުން ކައުންސިލިންގެ ހިދުމަތާއި އިސްރަށްވެހިންގެ ތަޖުރިބާތައް ހިއްސާކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގަ އެވެ.