ޑިމާންޑް ބޮޑުވުމުން މޯލްޑިވިއަންއިން ޖިއްދާއަށް 20 ފްލައިޓް
ޑިމާންޑް ބޮޑުވުމުން މޯލްޑިވިއަންއިން ޖިއްދާއަށް 20 ފްލައިޓް

ސްކޫލް ޗުއްޓީއާ ދިމާކޮށް، އުމްރާއަށް ދާ މީހުންގެ އަދަދު އިތުރުވާތީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އ330ޭ ގައި އުމްރާވެރިން އުފުލުމުގެ ގޮތުން ޖިއްދާއަށް 20 އަށް ވުރެ ގިނަ ދަތުރު ޝެޑިއުލްކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

ކޮންމެ އަހަރެއްގެ ސްކޫލު ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދަތުރުކުރާ ފަރާތްތައް އިތުރުވެ އެވެ. އެއާއެކު މޯލްޑިވިއަންއިން އެ ދުވަސްވަރު އިތުރު ޝެޑިއުލް ދަތުރުތައް ކުރަން ޖެހެ އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ އުމްރާ ދަތުރުތަކުގެ އިތުރުން ކޮޗިން އާއި ޓްރިވެންޑްރަމަށް ޝެޑިއުލް ކުރެވިފައިވާ ފްލައިޓަށް ޑިމާންޑް ބޮޑުވުމުގެ ސަބަބުން އެ ދެ މަންޒިލަށް ދަތުރުކުރާ ޖުމްލަ ފްލައިޓުތަކުގެ އަދަދު 10 އަކަށް އިތުރުކޮށްފައިވާ ކަމަށެވެ.

މޯލްޑިވިއަން އިން ބުނީ، އ320ޭގައި ބެންކޮކް އަދި ކުއަލަލަންޕޫރު ހިމެނޭހެން ކޮންމެ މަންޒިލަކަށް ހަތަރު ފްލައިޓް އަޅާނެ ކަމަށެވެ. އަދި ކޮޗިން އާއި ޓްރިވެންޑްރަމަށް ހަފްތާއަކު 4 ފްލައިޓް ބާއްވަމުން އައި ނަމަވެސް މިމަހުގެ 19 އިން ފެށިގެން ހަފްތާއަކު ފަސް ފްލައިޓް ދަނީ ބާއްވަމުންނެވެ.

މޯލްޑިވިއަން އިން ބުނީ، ހަފްތާއަކު ޝެޑިއުލް ކުރެވިފައިވާ 5 ފްލައިޓްގެ އިތުރުން ޓްރިވެންޑްރަމް އަދި ކޮޗިންއަށް 40 ވުރެ ގިނަ އިތުރު ފްލައިޓްތައް ރާވާފައިވާ ކަމަށެވެ.

ބޭރުގެ ދަތުރުތަކުގެ އިތުރުން ޑޮމެސްޓިކް ދަތުރުތަކުގެ ޑިމާންޑް މިދުވަސްވަރު ވަރަށް އިތުރުވެފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. އެގޮތުން މިމަހުން ފެށިގެން އަންނަ މަހުގެ 31 އަށް މޯލްޑިވިއަން އިން ދަތުރުކުރާ 17 މަންޒިލަކަށް 3،700 އަށް ގިނަ ފްލައިޓް ޝެޑިއުލްކޮށްފައިވެ އެވެ.

އެ ފްލައިޓުތަކުން 197،000 މީހުންނަށް ދަތުރު ކުރަން ޖާގަ ލިބޭނެ އެވެ.