ރޮނާލްޑޯ ބުނީ "އިންޝާﷲ" 1000 ގޯލް ހަމަކުރާނަމޭ!
ރޮނާލްޑޯ ބުނީ "އިންޝާﷲ" 1000 ގޯލް ހަމަކުރާނަމޭ!

ކެރިއަރުގައި 1000 ގޯލު ހަމަކުރަން ބޭނުންވާ ކަމަށާއި ސިއްހަތު ސަލާމަތުން ހުރެއްޖެ ނަމަ، "ﷲގެ އިރާދަފުޅާ އެކު" އެ އަދަދު ހަމަކުރާނެ ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، 40، ބުނެފި އެވެ.

"އަހަރެން ބޭނުމީ އިތުރު ތަށިތަކެއް ހޯދުން، އަދި އެ އަދަދެއް ތި އެންމެނަށް ވެސް އެނގޭ އަދަދާ އަރާ ހަމަކުރުން. ޔަގީން ކަމާ އެކު އެކަން އަހަރެން ހާސިލް ކުރާނަން އަނިޔާއެއް ކުރިމަތި ނުވާ ނަމަ، އިންޝާﷲ،" ގްލޯބް ސޮކަ އެވޯޑްސްގައި، އޭނާގެ އަމާޒު ހާމަކޮށްދެމުން ރޮނާލްޑޯ ބުންޏެވެ.

މި އެވޯޑްސްގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ރެކޯޑް ހަ ފަހަރު ހޯދާފައިވާ ރޮނާލްޑޯ ވަނީ، 2023 ގައި ސައުދީ އަރަބިއްޔާގެ އައް ނަސްރަށް ބަދަލު ވިފަހުން، މެދުއިރުމަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދައިފަ އެވެ.

ރޮނާލްޑޯ ކުޅެމުން އަންނަ އައް ނަސްރު ވަނީ ހޮނިހިރު ދުވަހު ލީގުގައި ކުޅުނު މެޗު، ރޮނާލްޑޯގެ ދެ ގޯލާ އެކު މޮޅުވެ، ލީގުގެ ފުރަތަމަ 10 މެޗުން ވެސް މޮޅުވެފަ އެވެ. ޖުމްލަ 12 ގޯލު ޖަހައިގެން ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި ވެސް އޮތީ ރޮނާލްޑޯ އާއި އެ ކްލަބްގެ ޔާއޯ ފެލިކްސް އެވެ.

މިއާ އެކު ރޮނާލްޑޯ ވަނީ ކެރިއަރުގައި ޖުމްލަ 956 ގޯލު ކާމިޔާބު ކޮށްފަ އެވެ. އަދި 2015 ގައި އޭނާ އަށް 30 އަހަރު ފުރުނު ފަހު 493 ގޯލު ޖަހައިގެން ފުލަމް އާއި އާސެނަލްގެ ސްޓްރައިކަރު ރޮނީ ރޫކް އަތުގައި 60 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އޮތް ރެކޯޑެއް ވެސް މިވަނީ މުގުރާލައިފަ އެވެ.

ތިރީސް އަހަރު ވުމުގެ ކުރިން ރޮނާލްޑޯ ވަނީ ކެރިއަރުގައި 718 މެޗުން 463 ގޯލު ޖަހައިފަ އެވެ. ހަމަ އެއާއެކު 2010 އިން ފެށިގެން ކޮންމެ އަހަރަކު ވެސް މަދުވެގެން 40 ގޯލު އޭނާ ވަނީ ޖަހައިފަ އެވެ.

ގްލޯބް ސޮކަ އެވޯޑްސްގެ މިއަހަރުގެ ހަފްލާގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އުފުލާލީ ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ އުސްމާން ޑެމްބެލޭ އެވެ. އެންމެ މޮޅު ކޯޗަކަށް ޕީއެސްޖީގެ ލުއިސް އެންރީކޭ އެވ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެ ކްލަބްގެ ޑީޒިރޭ ޑޫއޭ އެވެ. އަހަރުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ޕީއެސްޖީގެ ވިޓީނިއެވެ. އެންމެ މޮޅު ފޯވާޑްގެ މަގާމާއި މަރަޑޯނާ އެވޯޑް ހޯދީ ބާސެލޯނާއި ސްޕެއިންގެ ލަމީން ޔަމާލް އެވެ.